ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް ގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި މި ފަދަ ދުވަހެއް ފާހަގަ ކުރަނީ، ސައިންސްގެ ރޮނގުން އަންހެނުންނާއި އަންހެން ކުދިން ހޯދާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެކުދިންގެ ބައިވެރިވުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، ކުރިއެރުމާއި ކާމިޔާބީ ފާހަގަކޮށް، އެއްބާރުލުންދީ، ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
ސައިންސާއި ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން، އީޖާދީ އަދި ވިލުންތެރި ގޮތެއްގައި ބާރުވެރިކުރުވައި، މަސައްކަތްތެތިކަމުގެ ފަންނުތަކަށް އަންނަ ހަލުވި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް އެ މެސެޖުގައި ރައީސް ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ ސްޓެމްގެ ދާއިރާގެ ކޯސްތަކުން ފުރަތަމަ ޑިގްރީގެ ހިލޭ އެހީގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮގްރާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ތަޢުލީމީ ދާއިރާގައި މިންތީގެ ފަރަގު ކުޑަކުރުމުގައި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒު، ނުވަތަ އެސް.ޑީ.ޖީއަށް ވާޞިލުވެވުމީ، ތަޢުލީމީ ދާއިރާގައި މިންތީގެ ހަމަހަމަކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމުގައެވެ.
ވޮކޭޝަނަލް ލެބްތަކާއި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް މެދުވެރިކޮށް، މަސައްކަތުގެ ތަމްރީނުތައް އިތުރުކޮށް، އަންހެނުންނާއި އަންހެން ކުދިންނަށް ތަޢުލީމާއި މަސައްކަތް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، މިހާރަށްވުރެ ބޮޑު ޖީލެއް ބާރުވެރިކުރުވައި، މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހި ރާއްޖޭގެ އަމާޒު ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރަނީ، ޓާގެޓެޑް އިނިޝިއޭޓިވްސް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކާއި، އިންކްލޫސިވް ޕޮލިސީ ނުވަތަ ޝާމިލު ސިޔާސަތުތަކުގެ ޒަރިއްޔާއިން ސިންދަފާތު ކަމާއި ހުރިހާ އެންމެންގެ ޝާމިލުވުން އިތުރުކޮށް، އަންހެނުންނަށް ސައިންސްގެ ރޮނގުން ހަމަހަމަކަމާއިއެކު އިސްވާރުންގެ ގޮތުގައި ކުރިއެރުން ހޯދޭނެ މާހައުލެއް ގާއިމް ކުރުން ކަމަށެވެ.