ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވާ އާދީއްތަ ދުވަހު ހުޅުވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވާ އާދީއްތަ ދުވަހު ހުޅުވާލައި އިނާމު ދިނުމުގެ އުސޫލު ގެޒެޓުގައި ޝާއިޢު ކުރުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީ އިން ނިންމާފައިވާ ކަމަށެވެ.
އިނާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ މިދިޔަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސް ފޮނުއްވާފައިވާ ކަމަށާއި މިއަހަރު ފޮނުއްވީ 42 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތު ކަމަށެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެވެ. މި އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.