މި ހިނގާ ފެބުރުއަރީ މަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 8،000އަށް ވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 295,762 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.7 އިންސައްތަ އިތުރު އަދަދެކެވެ.
ފާއިތުވި އަހަރުތަކުގައި މި މުއްދަތުގައި ދިވެހިރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، 2023 ގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 231,526 ފަތުރުވެރިންނެވެ. އަދި 2024 ގައި މި އަދަދު 269,588 އަށް ވަނީ އިތުރުވެފައެވެ.
ޖެނުއަރީ މަހާއި އަޅާބަލާއިރު މި ހިނގާ ފެބުރުއަރީ މަހު ދިވެހިރާއްޖެއަށް ޒިޔާރާތްކުރަމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިނިސްތްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 8,090 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރާތްކުރެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 50,330 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 17 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން މިހާތަނަށް 28,465 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.