އިންޑިއާގައި މުސްލިމުންނަށް ނަފްރަތު އުފެއްދުމުގެ ވާހަކަތައް މިދިޔަ އަހަރު %74 އިތުރުވެފައިވާ ކަމަށް ދިރާސާ ރިޕޯޓަކުން ދައްކައިފިއެވެ.
އެމެރިކާގެ ވޮޝިންގްޓަންގައި ހުންނަ ދިރާސާ ޖަމާއަތެއް ކަމުގައިވާ އިންޑިއާ ހޭޓް ލެބުން ބުނެފައިވާ ގޮތުގައި، 2024 ވަނަ އަހަރު އިންޑިއާގައި މައިނޯރިޓީ ޖަމާއަތްތަކާ ދެކޮޅަށް ދެކެވުނު ނަފްރަތުގެ ވާހަކަތައް 74 އިންސައްތަ އިތުރުވެފައިވެއެވެ. މިގޮތުން 2023 ވަނަ އަހަރު 668 މިފަދަ ހާދިސާ ހިނގާފައިވާއިރު، 2024 ވަނަ އަހަރު 1،165 ހާދިސާ ރިޕޯޓުކުރެވިފައިވެއެވެ.
އިންޑިއާގެ ބީޖޭޕީ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން ތުހުމަތުކުރާއިރު، ސަރުކާރުން މިކަމަށް ދެކޮޅުހަދައި، އެމީހުންގެ ސިޔާސަތުތަކުން އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާ ކަމަށް ބުނެއެވެ. މި ރިޕޯޓު ނެރެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކެއް ކުރިންނެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނަފްރަތުގެ ވާހަކަތަކުގެ 80 އިންސައްތަ ހިނގާފައިވަނީ ބީޖޭޕީ އާއި އެ ޕާޓީގެ އެލައިންސް ޕާޓީތަކުން ވެރިކަންކުރާ ސްޓޭޓްތަކުގައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު ފާސްކުރި ސިޓިޒަންޝިޕް ޤާނޫނަކީ އދ. އިން ބުނާ ގޮތުގައި "އަސާސީގޮތުން ތަފާތުކުރުން ގެންގުޅޭ" ޤާނޫނެކެވެ. މީގެ އިތުރުން، ކަޝްމީރުގެ ޚާއްޞަ ހައިސިއްޔަތު އުވާލުމާއި، ބުރުގާ އެޅުން މަނާކުރުން ފަދަ ކަންކަމަކީވެސް މައިނޯރިޓީންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއް ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
2024 ވަނަ އަހަރުގެ އިންތިޚާބުގައި މޯދީގެ ޕާޓީއަށް މެޖޯރިޓީ ނުލިބުނު ނަމަވެސް، އެހެން ޕާޓީތަކާ ގުޅިގެން ސަރުކާރު އުފައްދާފައިވެއެވެ. މިއީ މޯދީ ވިދިވިދިގެން އިންޑިއާގެ ބޮޑުވަޒީރުކަން ކުރާ ތިންވަނަ ދައުރެވެ.