ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހުން އަނބުރާ ނަގައިފިއެވެ.
ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިމައްސަލާގައި ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން 3 ފެބްރުއަރީގައި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ ކަމަށްވެސް ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައަކީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމަކާ ގުޅިގެން ކުރިއަށް ގެންދިޔަ މައްސަލައެކެވެ.