ކުރިއަށް އޮތް ރޯދަ މަހުގެ އިނާޔަތް 20 ފެބުރުއަރީގެ ކުރިން ދޫކުރުމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އިން އަންގައިފިއެވެ.
އެ މިނިސްޓްރީ އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ 20 ފެބުރުއަރީ 2025 ގެ ކުރިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ރަމަޟާން މަހުގެ އިނާޔަތް ދިނުމުގައި އެ މިނިސްޓްރީ އިން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކުރުމަށެވެ.
އެގޮތުން ސާކިއުލާގައި ބުނެފައިވަނީ:
- ވަޒީފާ އާއި ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް
- މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭ އިރު ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތް ދިނުމަށާއި އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުން.
- ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް" (ސްކޮލާޝިޕް މުވައްޒަފުން) އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ގޮތުގައި ނުހިމެނުން.
މިފަދަ ލީވް އެއްގައި ހުންނަ މުވައްޒަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނުކުމެއްޖެނަމަ އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ ޢަދަދެއް ބަލައި އެ އަދަދަކަށް އިނާޔަތުގެ ފައިސާ ދިނުމަށާއި އިނާޔަތުގެ ފައިސާ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓް ކުރުމަށް ވެސް އެ މިނިސްޓްރީ އިން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.