ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށް ދާ މީހުންނަށް އިތުރު 1،500 ޑޮލަރު ހަމަޖައްސައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭންކަށް އަންގަވައިފިއެވެ.
ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މި އިތުރު ލިމިޓަކީ މިހާރު އުމްރާވެރިންނަށް ކަނޑައެޅިފައިވާ ޑޮލަރުގެ ލިމިޓުގެ އިތުރުން ދެއްވާ އަދަދެކެވެ. މިކަން ތަންފީޒުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަދި މަރުކަޒީ ބޭންކަށް (އެމްއެމްއޭ) އަށް އަންގަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިންމުމަކީ ރަމަޟާންމަހު އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ.
އުމްރާވެރިންނަށް މި ލުއި ހަމަޖެހިގެންދިއުމާއެކު، ބޭންކުގެ ރަސްމީ ރޭޓުގައި އިތުރު 1،500 ޑޮލަރު ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.