އަމީނީ މަގުގައި އަލުން ތާރައެޅި ސަރަހައްދު ޢާއްމުންނަށް ހުޅުވާލާނީ އެސަރަހައްދުގެ އެސެސްމަންޓްތައް ނިމުމުން ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
"ދިޔަރެސް" އަށް މަޢުލޫމާތު ދެއްވަމުން އާރުޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމީނީ މަގުގައި އަލުން ތާރަ އެޅި ސަރަހައްދުގެ މަސައްކަތް މިހާރު މުޅިން ނިންމާލެވިފައިވާ ކަމަށެވެ. އަދި މިހާރު މަގުގެ އެސެސްމަންޓްތައް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަދަމުންދާ ކަމަށާއި އެސެސްމަންޓްތައް ނިމި މި ހަފްތާގެ ތެރޭގައި މަގު ހުޅުވާލެވޭނެކަމަށް ލަފާކުރާ ކަމަށެވެ.
އަމީނީ މަގުގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ ތާރަގަނޑުގެ އަޑިގުޑަން ބޮޑުވެ، ހަލާކުވުމުން އެސަރަހައްދުގައި އަލުން ތާރައެޅުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ ޖެނުއަރީމަހުގެ މެދުތެރޭގައެވެ.
2923 ވަނަ އަހަރު ތާރައެޅި މި ސަރަހައްދު އެހާއަވަހަށް ހަލާކުވާނެ މެދުވެރިވި ސަބަބެއް ކަމުގައި އާރުޑީސީން ބުނެފައިވަނީ އެސަރަހައްދުގައި އަލަށް ތާރަ އެޅުމަށްފަހު ތާރަ ރަނަގަޅަށް ނުހިކެނީސް ޢާއްމުންނަށް އެސަރަހައްދު ހުޅުވާލުމެވެ.
ދައުލަތުން 84 މިލިއަނަށްވުރެ ގިނަ ފައިސާ އަމީނީމަގަށް ޚަރަދުކޮށްފައިވާ އެމަގުގެ ހަލާކުވީ ސަރަހައްދުގެ މަސައްކަތް ނިންމައި އެސަރަހައްދު ޢާއްމުންނަށް ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓާއި ދިމާކޮށް އެމްޑީޕީ ސަރުކާރުން އަމީނީ މަގުގެ ތާރަ އަޅާ ނިމުނު ސަރަހައްދު ރަނގަޅަށް ނުހިކެނީސް ހުޅުވުމުން ތާރަގަނޑުން އެކި ތަންތަން ހަލާކުވެފައިވާކަން އޭރު މީޑިއާތަކުގައި ރިޕޯޓްކުރިއެވެ.