ފަލަސްތީނުގެ ދައުލަތެއް ސައޫދީ އަރަބިއްޔާގެ ސަރަހައްދުގައި ގާއިމުކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ދައްކާފައިވާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަޢުދީ ޢަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި، ބުރޫއަރާ ގޮތަށް ދައްކާ އެއްވެސް ވާހަކައެއް ބަލައި ނުގަންނާނެ ކަމަށެވެ.
އަދި މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރުތަކާއި މުޅިން ޚިލާފު ވާހަކަތަކެއްކަންވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ މިއީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގެ އިސްތިގުލާލާ ޚިލާފު ވާހަކަތަކެއް ނޫން ކަމަށާއި، މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތަކަށް މެދުނުކެނޑި ކުރަމުންދާ އިންކާރުގެ ބައެއް ކަމަށެވެ.
އެ މިނިސްޓްރީން ވަނީ ދިވެހި ސަރުކާރުން އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގެނެ 1967 ގެ ބޯޑަރުތަކަށް ތަބާވުމަށް ދިވެހި ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކޮށްފައެވެ. އަދި ޔަހޫދީވެރިންގެ މިފަދަ ނަފްރަތުގެ ބަޔާންތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ތެދުވުމަށް ވެސް ގޮވާލާފައިވެއެވެ.