ދިވެހިރާއްޖޭގައި ބާއްވާ އެކި ކުޅިވަރު މުބާރާތްތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ބާއްވާތޯ ބައްލަވާނެ ކަމަށާއި އެއީ މިއަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރައްވާނެ އެއްކަންތައް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލު ވިދާޅުވެއްޖެއެވެ.
ޠަލާލް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އޭނާ ވިދާޅުވީ ކުޅިވަރުން ގައުމަށް ރީތިނަން ހޯދައިދިނުމަށްޓަކައި ސްޕޯޓްސް މިނިސްޓަރު ރާފިޢު ކުރައްވާ މަސައްކަތުގައި އެސޯސިއޭޝަންތަކުގެ އެއްބާރުލުން ހޯދާ ކޮމިޝަނަރގެ އޮފިހާއި އެސޯސިއޭޝަންތަކާއި އެކު މަސައްކަތްކޮށް އެއްބާރުލުންދީ ކުރިޔަށް ދިއުމަށް އިސްކަން ދެއްވާނެ ކަމަށެވެ.
އަދި މަޖިލީހުގެ ޖަލްސާތައް ފެށުމުން ކުޅިވަރުގެ ޤާނޫނަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، އެ ބަދަލުތަކާއި ގުޅިގެން ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އެސޯސިއޭޝަންތައް ހިންގުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގައިވެސް މިއަހަރުތެރޭގައި އިސްކަމެއް ދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހަމަ އެގޮތަށް ކުޅިވަރު ކުޅުންތެރިންނާއި ކުޅިވަރުގެ ހިދުމަތްތެރިންގެ، އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް، ވެޓްރެންސް ދަފްތަރެއް އެކުލަވާލާ އެބޭފުޅުންނަށް ލިބިދޭންޖެހޭ ބެނެޕިޓްސްތައް ލިބޭ ގޮތަށް ކަންކަން ރޭވުން" ޠަލާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެ ބޮޑަށް ބެއްލެވީ ޤާނޫނީ ގޮތުން އެސޯސިއޭޝަނަތަކުން ކުރަން ހުރިކަންކަން ފުރިހަމަކުރަން ކަމަށާއި އެ މައްސަލަތަކަށް ހައްލު ހޯދުމަށް ފަހު އެސޯސިއޭޝަންތަކުގެ ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިޔަށްދާނެ މަގެއް ދެއްކުމަށް މަސައްކަތް ކުރެވުނު ކަމަށެވެ.