Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

މިފްކޯ އިން މިދިޔަ ހަފްތާ ތެރޭ މަސްވެރިންނަށް 35.5 މިލިއަން ރުފިޔާ ދޫކުރި

މިދިޔަ ހަފުތާގައި މިފްކޯއަށް މަސް ކިރުވި ދޯނިތަކަށް 35.5 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިފްކޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި މިދިޔަ މަހުގެ ފަހު ހަފުތާއާ އަޅާބަލާއިރު މިދިޔަ ހަފުތާގައި އެ ކުންފުންޏަށް މަސް ކިރުވި ދޯނީގެ އަދަދާއި ދޫކުރި ފައިސާ އިތުރުވެފައިވެއެވެ. މިފްކޯ އިން ހާމަކުރި ގޮތުގައި ޖެނުއަރީ މަހުގެ ފަހު ހަފުތާގައި މަސްވެރިންނަށް ދޫކުރީ 16.9 މިލިއަން ރުފިޔާ އެވެ. ޖެނުއަރީ މަހުގެ ފަހު ހަފުތާގައި މަސް ކިރީ 309 ދޯންޏަކުންނެވެ. އެހެންކަމުން މި ނިމުނު ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވާ މަސް ދޯނިތަކުގެ އަދަދުވަނީ %46 އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ ޖުމްލަ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޑިސެންބަރ މަހާއި އަޅާބަލާއިރު %122 އިތުރުވުމެކެވެ. ޑިސެންބަރ މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ. މަސްވެރިންނަށް މިފްކޯއިން 35.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހަކީ ފަހުގެ ތާރީހެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަހެވެ. އެގޮތުން އެ ދުވަހު މިފްކޯއިން ވަނީ މަސްވެރިންނަށް 6.5 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

މަސްވެރިން މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހު މަސްވެރިންނަށް ވަނީ ފައިސާ ދޫކުރަން ފަށާފަ އެވެ.

މި ލިއުމާއި ގުޅޭ