ނިމިދިޔަ ހުރިހާ ސަރުކާރަކަށްވެސް ނުކުރެވުނު ގިނަ ކަންތައްތަކެއް މަސްވެރިކަން ކުރިއެރުވުމަށް ރައީސް ޑރ.މުހައްމަދު މުއިޒު ކުރައްވާނެކަން ޔަގީންވެއްޖެ ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އައު ހަރުފަތަކަށް ގެންގޮސް، އެތައް ގުނައަކުން ތަރައްގީ ކުރެވޭނެ މަގު ފަހިވެފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވުނު މިނިސްޓަރުންގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފުރަތަމަ އަހަރު ވެސް މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސަވާފައި ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ ތަރުތީބުތައް ވެސް ވަނީ ހަމަޖެހިފައި ކަމަށާއި، މި އަހަރަކީ މި ޕްލޭންތައް ތަންފީޒު ކުރެވޭނެ އަހަރު ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ ރާއްޖެއިން ރޯމަހުގެ ގޮތުގައި މަސް ބޭރުކޮށްގެން އެކަށީގެންވާ ފައިދާއެއް ނުލިބޭނެކަން ހުރިހާ ރައީސުން ވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި މަހުގެ އަގު އިތުރުކުރުމަށާއި ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކުރުމުގެ މުހިންމުކަން ހުރިހާ ސަރުކާރުތަކުން ވެސް ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް މަސްވެރިކަމުގެ ސިނާއަތަށް ކުރެވޭ ހޭދައިގެ ބޮޑު ބައެއް ދަނީ ސަބްސިޑީގެ ގޮތުގައެވެ. މި ސަބްސިޑީގެ އެންމެ ބޮޑު މަންފާ ލިބެނީ ދިވެހިންނަށް ނޫން ކަމަށާއި، ބޭރުގެ މަސްކުންފުނިތަކަށް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުން، މިފްކޯއަށް އަހަރަކު ލޭންޑްކުރާ 72,000 ޓަނުގެ ކަޅުބިލަމަހަށް ސަބްސިޑީގެ ގޮތުގައި އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެވެއެވެ. މި ފައިސާއަކީ މަސްވެރިކަމުގެ ސިނާއަތުގެ އުމްރާނީ ތަރައްގީއަށް ހޭދަކުރެވިދާނެ ފައިސާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.