އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުމީ اللهގެ ޙަޟުރަތުގައި ދަރަޖަ މަތިވެރިވެގެންދާ ކަމެއްކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "މުސްލިމް އަޚާއަށް ހެޔޮކޮށްހިތުން " މިއެވެ.
ޚުތުބާގައި ބުނެފައިވަނީ އިސްލާމްދީނަކީ އުޚުއްވަތްތެރިކަމުގެ ދީންކަމަށާއި މިއީ އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީންކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއްނޫންކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
"މި ރިވެތި އުޞޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއްނޫނެވެ. އެހެނީ އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑެވެ. މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަޞްރާއި، ކާމިޔާބީއާ ހަމައަށް ވާޞިލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއްނޫނެވެ. ތާރީޚުގެ ފަތްފުށްތަކުން މިކަން އަހަރެމެންނަށް ރީތިކޮށް ފެންނާން އެބަ ހުއްޓެވެ." ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައިވާގޮތުން އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށް ފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުންނެވެ.
މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވަނީ: "އަދި الله އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ދެބަސްވެ އަރައިރުން ނުވާށެވެ! (ދެބަސްވެ އަރައިރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަ ކަށަވަރުން الله ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."
އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުމީ اللهގެ ޙަޟުރަތުގައި އެބައިމީހުންގެ ދަރަޖަ މަތިވެރިވެގެންދާ ކަމެއްހުކުރު ޚުތުބާ
ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ: "ހަމަކަށަވަރުން ޤިޔާމަތް ދުވަހު މާތް الله ވަޙީކުރައްވާނެތެވެ. ތިމަން اللهއަށް ޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ މީހުން ކޮބައިހެއްޔެވެ؟ ތިމަން الله ލައްވަވާ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ މި ދުވަހު އެބައިމީހުންނަށް ތިމަން الله ހިޔާވަހިކަން ދެއްވާހުށީމެވެ."