ދިވެހިރާއްޖޭގެ ނެޝަނަލް ސާވިސް ނުވަތަ ޤައުމީ ޚިދުމަތުގެ ނިޒާމަކީ ޤައުމަށް ކުރިމަތިވެފައިވާ މުހިންމު އިޖުތިމާޢީ އަދި ސަލާމަތީ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ނިޒާމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ނެޝަނަލް ސާވިސް އަކީ ދިވެހި ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި ސަލާމަތީ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދޭނެ ނިޒާމެއް ކަމަށާއި މި ޕްރޮގްރާމު މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
ގައުމަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް މި ނިޒާމުގެ ތެރެއިން ބިނާކޮށް ތަރައްޤީކުރެވޭނެކަމަށާއި ޒުވާނުންނަކީ ޤައުމަށް ބޭނުންތެރި މަސައްކަތްތެރި އުފެއްދުންތެރި ބައެއްގެ ގޮތުގައި ބިނާކުރެވޭނެކަމަށް ދެކި ވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިރިއުޅުމުގައި ކުރާނެ އެއްވެސް ކަމެއް ނެތި، ގޯޅިގޯޅީ ކަންކަންމަތީގައި، ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި މި އޮންނަ ހާލަތަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މިއީ ދިވެހި ޒުވާނުންނާ ދިވެހި ދައުލަތުން ހަވާލުވުން.ރައީސް ޑރ. މުހައްމަދު މުއިއްޒު
ދިވެހިރާއްޖޭގެ ނެޝަނަލް ސާވިސް ޚިދުމަތުގެ ތެރެއިން އެ ޒުވާނުންގެ އަމިއްލަ އާއިލީ ދިރިއުޅުމާއި ޤައުމީ ޙަޔާތާއި އަޚްލާޤާއި ޢިލްމީ މައިދާން އެ ޒުވާނުންނަށް އެންމެ ފައިދާހުރި ގޮތުގައި ދިވެހި ދައުލަތުން ބިނާކޮށްދޭނެ ކަމަށާއި މިއީ އާއިލާތަކަށް ބާއްޖަވެރިކަން ގެނެސްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
މިޚިދުމަތުގެ ތެރެއިން އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގެންފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙްތިރާމުކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ދިވެހި ޒުވާނުން ބިނާކުރެވޭނެ.ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އެ ޚިދުމަތުގެ ތެރެއިން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ދިވެހި ޒުވާނުން ބައްޓަންކުރެވޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ނެޝަނަލް ސާވިސް ނުވަތަ ޤައުމީ ޚިދުމަތުގެ ނިޒާމަކީ ނިމުނު އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސް އިއުލާނު ކުރެއްވި ވާހަކަ އެކެވެ.