މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ކެފޭއެއް ހިންގާ މީހަކާއި އެތަނުގައި އެވަގުތު ޚިދުމަތް ހޯދަން ގޮސް ތިބި ތިން މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގައި ބަންދުގެ މުއްދަތު ޖަހާފައި ވަނީ އެ ކެފޭ ހިންގަން އިސްކޮށް އުޅުނު އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މީގެއިތުރުން ދެން މުއްދަތު ޖަހާފައި ވަނީ އެ ކެފޭއިން ހިދުމަތް ހޯދި އުމުރުން 39، 60 އަދި 36 އަހަރުގެ ދިވެހި ތިން ފިރިހެނުންނަށެވެ. މި މައްސަލައިގައި މި ހަތަރު މީހުންނަށް ވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ އެ ތަނަކީ އޭނާ އިސްވެހުރެ، ކެފޭ އުސޫލުން މީހުންނަށް މަސްތުވާތަކެތި ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ބުނެފައިވާކަމަށެވެ. އަދި އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އޮތް ނަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ސަބަބުން ފަރުވާދޭންޖެހޭ މީހެއް ކަމަށް ފެނިއްޖެ ހާލަތުގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއްގައި އޭނާ ބަންދުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އެ ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ބޭނުންކޮށް އަންދާފައިވާ ފޮއިލްތަކާއި ޕައިޕްތައް ފެނިފައި ކަމަށް އައިއޯ ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ.
އެތަނުން ފުލުހުން 10 މީހަކު އަތުލައިގަނެފައިވީ ނަމަވެސް އޭގެ ތެރެއިން ހަ މީހުން ބަންދުން ދޫކޮށްލާފައިވާއިރު، ކެފޭ އިސްކޮށް ހިންގާ މީހާއާއި ހިދުމަތް ހޯދި ތިން މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހައިފައެވެ. އެގޮތުން ކެފޭ އިސްކޮށް ހިންގި މީހާ 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު ކެފޭއިން ހިދުމަތް ހޯދި ތިން މީހުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި ކެފޭ ހިންގަން އިސްކޮށް ހަރަކާތްތެރިވާ މީހާއަކީ ބަންދުގެ ރެކޯޑު ގިނަ މީހެކެވެ. އަދި ޚިދުމަތް ހޯދި ތިން މީހުންގެ ތެރެއިން ދެމީހުންނަކީ ބަންދުގެ ރެކޯޑު އޮތް ދެމީހުންނެވެ. ދެން ހުރި މީހާއަކީ 2015 ވަނަ އަހަރުން ފެށިގެން އިތުރު ރެކޯޑެއް ނެތް މީހެކެވެ.
މި ހަތަރު މީހުން ވެސް ވަނީ މި މައްސަލައިގައި ވަކީލަކު ބޭނުންނުވާކަމަށް ބުނެފައެވެ.