އުރިދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު 684 މިލިއަން ރުފިޔާ ސާފު ފައިދާވެފައިވާކަމަށް އެ ކުންފުނީގެ ވަގުތީ ހިސާބުތަކުން ދައްކައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން އާންމުކުރި މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާގެ ހިސާބުތަކުން ދައްކާ ގޮތުގައި މޯބައިލް ހިދުމަތްތަކުން 1.7 ބިލިއަން ރުފިޔާ، ފިކްސްޑް، ބްރޯޑްބޭންޑް އަދި އެނޫން ވިޔަފާރިތަކުން 520 މިލިއަން ރުފިޔާއާއެކު ޖުމުލަ 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވެއެވެ. އުރީދޫގެ ހިންގުމުގެ ޚަރަދަށް މިދިޔަ އަހަރު ހިނގާފައިވަނީ 1 ބިލިއަން ރުފިޔާއެވެ. ޓެކްސްއަށްވާ އަދަދު ކެނޑުމުގެ ކުރިން ޖުމުލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 809 މިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ އިންކަމްޓެކްސްއަށްވާ ފައިދާގެ 15 ޕަސެންޓަކީ 125 މިލިއަން ރުފިޔާކަމަށް ވެސް ތަފާސްހިސާބުތަކުން ހާމަވެއެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުނީގެ ހިއްސާ، ހިއްސާގެ ބާޒާރުގައި މުއާމަލާތް ކޮށްފައިވަނީ އެވަރެޖުކޮށް 83.22 ރުފިޔާއަށެވެ. އުރީދޫއަށް 2023 ވަނަ އަހަރު ވެސް ސާފުފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހިއްސާއަކަށް ޖެހުނު ފައިދާގެ ތެރެއިން ޑިވިޑަންޑްގެ ގޮތުގައި ހިއްސާއަކަށް 3.27 ރުފިޔާގެ މަގުން، ޖުމުލަ 483 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާފައިވެސްވެއެވެ.
އުރީދޫ މޯލްޑިވްސްގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ވަތަނިއްޔާ އިންޓަނޭޝަނަލް އަށެވެ.