Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ފިހާރައެއްގެ ސީލިންގު ފަޅާލައި ވައްކަން ކުރި މީހެއްގެ ބަންދަށް 15 ދުވަސް

ޝަހީދު އަލީ ހިނގުމުގައި ހުންނަ އޭއެސް ޓްރޭޑާސް ފިހާރައިގެ ސީލިންގު ފަޅާލައިގެން ވަދެ ވައްކަން ކުރި މީހަކު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ހދ. ކުޅުދުއްފުށީ ސީސަންވިލާ އާދަމް މުހައްމަދުއެވެ.
ބަންދު އަމުރުން އެނގޭގޮތުގައި ފުލުހުން އާދަމް މުހައްމަދު ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށެވެ. ފުލުހުންނަށް އޭނާ ފެނުނުއިރު އޭނާގެ އަތުގައި 2 ކޮތަޅު އޮތް ކަމަށާއި އެތަނުން އެއް ކޮތަޅު ޕިކަޕެއް ދަށުގައި ބެހެއްޓި ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުގައި ބުނެފައިވެއެވެ.
އާދަމް މުހައްމަދުގެ އަތުގައި އޮތް ކޮތަޅާއި ގުޅިގެން ސުވާލު ކުރުމުން އެއީ އޭނާ ކުރިން މާރުކޭޓު ކައިރިން ބަހައްޓާފައި ހުރި އެއްޗެއް ކަމަށާއި ޕިކަޕު ކައިރީގައި ބެހެއްޓި ކޮތަޅާއި ގުޅިގެން ސުވާލުކުރުމުން ޕިކަޕު ކައިރީގައި އެއްވެސް އެއްޗެއް ނުބަހައްޓާކަމަށް ބުނެފައިވާ ކަމަށް ވެސް ފުލުހުންގެ ހާދިސާ ރިޕޯޓުގައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އެ ކޮތަޅު ބެލިއިރު މޯބައިލް ފޯނުތަކަކާއި، ހެޑް ފޯނަކާއި، އެހެން މީހެއްގެ ބީއެމްއެލް ކާޑަކާއި، ފައިސާގެ އިތުރުން ސުޕަ ގުލޫ ފުޅިތަކެއް ފެނިފައިވާ ކަމަށާއި އެވަގުތު އޭނާގެ ޖިންސުގެ ކަނާތު ފަހަތު ޖީބުން އެއްޗެއް ނަގާ ވައްޓާލިތަން ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ ހާދިސާ ރިޕޯޓުގައި ބުނެފައިވެއެވެ. އެއާއެކު ވައްޓާލީ ކޮން އެއްޗެއްތޯ ބެލިއިރު ކަށިގަނޑުތަކަކާއި ރެންޗެއް ފެނުނު ކަމަށާއި އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުތައް ޗެކްކުރިއިރު އެހެން މީހެއްގެ ވޮލެޓެއްގެ އިތުރުން 2 ފޯނު ފެނިފައިވާ ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުގައި ބުނެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ވެއެވެ.
އާދަމް މުހައްމަދުގެ އަތުން ފެނުނު ތަކެއްޗަކީ އޭއެސް ޓްރޭޑާސް ފިހާރައިގެ ސީލިންގު ފަޅާލައިގެން ވަދެ ވަގަށް ނަގާފައިވާ ތަކެތި ކަމަށް ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށް އައިއޯ ބުނެފައިވާ ކަމަށް ބަންދު އަމުރުގައި ވެއެވެ.

މީގެ އިތުރުން ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ ވަނީ އެކި ފަހަރު މަތިން 48 ފަހަރު ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން 28 ފަހަރު ބަންދަށް ބަދަލުކޮށްފައިވާއިރު އޭގެ ތެރޭގައި ވައްކަމުގެ މައްސަލަތަކެއް ހިމެނެއެވެ.

މި ލިއުމާއި ގުޅޭ