ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމަންޓްތަކުގެ އަދަދު 2023 އަހަރާ އަޅާބަލާއިރު ނިމިދިޔަ 2024 އަހަރުގައި އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމަންޓްތަކުގެ އަދަދު މިދިޔަ އަހަރު ހުރީ 16،830 ގައިކަން ފާހަގަކޮށްލެވެއެވެ.
އެހެންނަމަވެސް 2023 ވަނަ އަހަރު ފްލައިޓް މޫވްމަންޓް ހުރީ 15،883ގައެވެ. މިއީ 6 އިންސައްތަ އިތުރުވުމެކެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމަންޓްގެ ތެރެއިން 15،432 ފްލައިޓް މޫވްމަންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 1،398 މޫވްމަންޓަކީ ޗާޓާރ ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 23 ގައުމަކުން 40 އަށްވުރެ ގިނަ އެއާލައިނުން ވީއައިއޭއަށް ދިޔައީ ދަތުރުކުރަމުންނެވެ.