Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚާރިޖީ ވުޒާރާ

ގިނަ ދާއިރާތަކުން ސައުދީ އާއެކު ގުޅުން ބަދަހި ކުރުމަށް ކާމިޔާބު މަޝްވަރާތަކެއް

ގިނަ ދާއިރާތަކުން ސައުދީ އާއެކު ގުޅުން ބަދަހި ކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކުރިއަށް ގެންދެވިއްޖެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފޮރިން އެފެއާޒް މިނިސްޓަރު އަބްދުﷲ ޚަލީލް ސައުދީ އަރަބިއްޔާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި ދަތުރުފުޅާއި ގުޅިގެން މިނިސްޓްރީން އާއްމުކުރި ބަޔާނެއްގައި ބުނީ މިނިސްޓަރު ސައުދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާފައިވާކަމަށާއި ދަތުރުފުޅުގެ ތެރެއިން ސައުދީގެ ހާރިޖީ ވަޒީރު ހިޒް ހައިނެސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސައުދީ އާއިއެކު ކުރިއަށްދާނެ އެކި ދާއިރާތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން ރާއްޖޭން އިޤްތިޞާދީގޮތުން އިސްކަންދެއްވާ ކަންކަމާއި ފަތުރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ، ސިންދަފާތު ކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް އެކި މަޝްވަރާތައް ކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ އެ ގައުމުގެ ޚާރިޖީ ވަޒީރުގެ އިތުރުން އެ ގައުމުގެ އެހެނިހެން އިސްވެރިންާއި ވެސް ބައްދަލުކޮށް އެކި ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތްކުރައްވައި، ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ ދިވެހިންނާއި ޙައްޖާއި ޢުމްރާއަށް ދާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށާއި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ސިޔާސީ އަދި އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގައި އެމްބަސީއާއި ކޮންސިއުލޭޓުން ވިލަރެސްކޮށްގެން ކުރައްވާ މުހިންމު މަސައްކަތްތަކަށް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފައެވެ.

މިނިސްޓަރުގެ މިދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ސަޢުދީގައި އުޅޭ ދިވެހިންނާއި ކިޔަވާކުދިންނާއި ވެސް މިނިސްޓަރ ބައްދަލުކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ