Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

ގަޟާ ގަދަރަށް އީމާންވާނަމަ މާޔޫސެއް ނުވާނެ - ޚުޠުބާ

ގަޟާ ގަދަރަށް އީމާންވާނަމަ މާޔޫސެއް ނުވާނެކަމާއި ޤަޟާޤަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާއި އެކުގައިކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާން ކޮށްދީފިއެވެ.

ޤަޞާ ގަދަރަށް އީމާންވުމާއި ގުޅޭ ގޮތުން މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނީ ގަޟާ ގަދަރަށް އީމާންވާނަމަ ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށެވެ. ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތްﷲގެ އިލްމުފުޅާއި އެކަލާންގެ އިރާދަފުޅުންކަން އިއުތިޤާދުކުރާ ބަޔަކު ބިރުގަނެ ހިތްނުތަނަވަސްވެ މާޔޫސްވާކަށް ނުޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

ވަކީލުކުރަން ޖެހޭނީ ހަމައެކަނި ﷲ އަށް ކަން ހަނދާންކޮށްދީ އައްތައުބާ ސޫރަތުގައި ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅު ޚުޠުބާގައި ބަޔާންކޮށްދީފައި ވެއެވެ. ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި، ﷲއަށް ވަކީލު ކުރާހުށިކަމެވެ!."

ޤަޟާ ގަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްކަން ހަނދާންކޮށްދީ ޚުޠުބާގައި ބުނެފައި ވަނީ ގަޟާ ގަދަރަށް އީމާންނުވާނަމަ އީމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ. ގަޟާ ގަދަރަށް އީމާންވުމުގައި ހަތަރު ކަމަކަށް އީމާންވާން ޖެހޭނެކަން ވެސް ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

އޭގެތެރެއިން ފުރަތަމަ ކަމަކީ ﷲ سُبْحَانَهُ وَتَعَالَى ހުރިހައި ކަމެއް ދެނެވޮޑިގެންވާކަމަށް އީމާންވުމެވެ. ޚަލްޤުތަކުން ހެއްދެވުމުގެ މާކުރީން މާތްﷲގެ އަޒަލިއްޔަ އިލްމުފުޅުގައި އެތަކެއްޗާއި ބެހޭ ހުރިހާ ކަމެއް ދެނެވޮޑިގެންވާކަމާއި، އުޑުތަކާއި ބިމުގައި ހިނގައިފައިވާ ހުރިހާ ކަމަކާއި ހިނގާ ހުރިހައި ކަމަކާއި އަދި މުސްތަގުބަލުގައި ހިނގާނޭ ހުރިހައި ކަމެއް ވެސް އެކަލާންގެ ދެނެވޮޑިގެންވާކަން ގަބޫލު ކުރުމެވެ.

ދެވަނަ ކަމަކީ اللوح آل محفوظ ގައި ﷲ سُبْحَانَهُ وَتَعَالَى ހުރިހައި ކަމެއް ލިޔުއްވާފައިވާކަމަށް އީމާންވުމެވެ.

ޤަޟާ ޤަދަރަށް އީމާންވުމުގައި އީމާންވާން ޖެހޭ ތިންވަނަ ކަމަކީ ކޮންމެ ކަމެއްވެސް ހިނގަމުންދަނީ ﷲގެ އިރާފުޅުންކަމާއި އިރާދަފުޅާއި ނުލައި އެއްވެސްކަމެއް ނުހިނގާނެކަމަށް އީމާންވުމެވެ.

އަލްއަންޢާމް ސޫރަތުގައި ﷲ ވަހީކުރައްވާފައި ވަނީ "އަދި ﷲ، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

ޤަޟާ ޤަދަރަށް އީމާންވުމުގައި އީމާން ވާންޖެހޭ ހަތަރުވަނަ ކަމަކީ ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް ހެއްދެވީ ﷲ سُبْحَانَهُ وَتَعَالَى ކަމަށް އީމާންވުމެވެ. އޭގެތެރޭގައި ހުރިހާ މަޚްލޫޤުން ކުރާކަންތަކާއި އެމަޚްލޫޤުންތަކަށް ލިބިފައިވާ ކުޅަދާނަކަމަކާއި ހުރިހައި ބާރެއް ވެސް ހިމެނެއެވެ.

ޚުޠުބާގައި ބުނެފައި ވަނީ މާތްﷲ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވައެވެ. އެކަލާންގެއީ އެންމެ އަދުލްވެރި ރަސްކަލާންގެއެވެ. އަދި ހަމަ އެފަދައިން އެކަލާނގެ އެއްވެސް އަޅަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވާނެއެވެ. މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ﷲ (އެއްވެސް މީހަކަށް) ޒައްރެއްގެ މިންވަރު ވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ ހެޔޮ ކަމެއް ކަމުގައި ވާނަ އެކަންތައް (އެބަހީ: އޭގެ ސަވާބު) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާންގެ ޙަޟްރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ."

އަހަރެމެންނަށް ދިމާވާ މުސީބާތްތަކުގައި، އަހަރެމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުން ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
މި ލިއުމާއި ގުޅޭ