މީހެއްގެ އެކައުންޓުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ، ގދ. ތިނަދޫ، ސްކޫނާ، ހުސައިން ޝާހިލް މުހައްމަދެވެ.
އޭނާ ބަންދު ކުރުމަށް ނެރުނު އަމުރުން އެނގޭ ގޮތުގައި މިކަން ހިންގީ ސީދާ ޝާހިލް ނޫން ކަމަށާއި މިކަން ކުރީ ޝާހިލްގެ ރައްޓެއްސެއް ކަމަށްވާ އަބްދުﷲ ކިޔާ މީހަކު ކަމަށް ޝާހިލް ބުނެފައިވެއެވެ. އޭނާގެ އެކައުންޓަށް ޖަމާވި ފައިސާއިން ބައެއް ނެގި ކަމަށާއި ބާކީ ފައިސާ އަބްދުﷲ ބުނެގެން ޓްރާންސްފާ ކުރީ ކަމަށް ވެސް ޝާހިލް ބުނެފައިވެއެވެ.
މަކަރާއި ހީލަތުން އޮޅުވާލައިގެން މީހެއްގެ އެކައުންޓުން އެއްލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށާއި އޭގެތެރެއިން ނުވަދިހަ ފަސް ހާހެއްހާ ރުފިޔާ ޝާހިލްގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް މި މައްސަލަ ތަހްގީގު ކުރާ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ފާހަގަކޮށްފައިވާ ކަމަށް ވެސް ބަންދު އަމުރުން އެނގެއެވެ. ޖަމާވި ފައިސާއިން ނަގައި އިތުރު އެކައުންޓްތަކަށް ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ވެސް އައިއޯ ފާހަގަކޮށްފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.
މީގެ އިތުރުން އެ ބަންދު އަމުރުގައި ބުނެފައިވަނީ ޝާހިލްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.