ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު ބަންދު އަމުރުން އެނގޭ ގޮތުގައި ލެންޑަސަން ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދިފައިވަނީ 30 ދުވަހަށް ނަމަވެސް ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.
ކޯޓުން އެފަދައިން ނިންމާފައިވަނީ ލެންޑަސަން އާއި ދެކޮޅަށް ދައުވާ ކުރުމަށް އަންނަ ހަފްތާގައި ހުށަހެޅޭނެ ކަމަށް ފުލުހުން ބުނުމުގެ އިތުރުން އޭނާގެ ފަރާތުން ދިފާއީ ވަކީލު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް މަޝްވަރާކުރަމުންދާކަމަށް ފާހަގަކޮށްފައިވާތީ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އެ ބަންދު އަމުރުން އެނގޭ ގޮތުގައި ލެންޑަސަންގެ ހަށިގަނޑު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 107 ރަބަރު ބުލެޓު ފެނިފައިވާއިރު މިތަކެތީގެ ބަރުދަން ކިލޯއަށްވުރެ ގިނަކަން ފުލުހުން ފާހަގަކުރާ ކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އިތުރު ފަރާތްތަކެއް ބައިވެރިވެފައިވާ ކަމަށާއި މި މައްސަލައިގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ ކޮކޭން އަށް ފައްސި ވެފައިވާ ކަމަށާއި މި ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނެއްގެ ހާޒިރުގައި ކަމަށް ވެސް އެ ބަންދު އަމުރުގައި ބުނެފައިވެއެވެ.