މިއަދުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވާނެކަމުގައި މޯލްޑިވްސް ނޭޝާނަލް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.
މެޓުން އިތުރަށް ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުމަކީވެސް އެކަށިގެންވާކަމެއް ކަމުގައި މެޓުން ބުނެއެވެ.
މީގެ އިތުރުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ރާޅުތަކުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓުން ބުނެއެވެ.