ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލު ރޯކޮށްލި މީހަކު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި 15 ދުވަހަށް ބަންދުކޮށްފައިވަނީ ޏ. ފުވައްމުލަކު ހެޕީލައިފް އުމުރުން 21 އަހަރުގެ ރިޟުވާން އަލީ އެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުން އެނގޭ ގޮތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ހައްޔަރުކުރުމުގެ އިޖުރާއަތްތަކާއި އެއްގޮތަށެވެ. ސައިކަލު ރޯކޮށްލާފައިވަނީ ބަނގުރާ ބޮއެގެން މަސްތުގެ ހާލަތުގައި ހުރެ ކަމަށާއި ގެއްލުން ދިން ސައިކަލަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތުގެ ކުރީގެ ފިރިމީހާގެ ސައިކަލު ކަމަށް ރިޟުވާން ބުނެފައިވެއެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ތުހުމަތުކުރެވޭ ފަރާތުން ހަރަކާތްތެރިވާތަން ސީސީޓީވީ ސްނެޕްޝޮޓްތަކުން ފެންނަ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.