Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގައި ގޮތްނޭންގޭ ބައްޔެއް ފެތުރެނީ މިހާތަނަށް 17 މަރު

ޖައްމޫ އާއި ކަޝްމީރުގެ އިންޑިއާ ފަޅީގައި، ގޮތް ނޭނގޭ ބައްޔެއް ފެތުރެމުންދާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރާޖޯރީ ސަރަޙައްދުގެ ބަދްހާލް ރަށުގައި ފެތުރެމުންދާ މިބަލީގައި މިހާތަނަށް 17 މީހުން މަރުވެފައިވާއިރު، މިބަލިފެތުރެން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެންކަމަށް ރިޕޯޓްތައް ބުނެއެވެ.

މަރުވި މީހުންގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭއިރު، މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ބަދްހާލް ރަށް ފުރަބަންދު ޒޯނެއްގެ ގޮތުގައި އިޢުލާނުކޮށް، 230 އެއްހާ މީހުން ކަރަންޓީނުކޮށްފައިވާ ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ރިޕޯޓުކޮށްފައިވެއެވެ.

ރާޖޯރީގެ ސަރުކާރު މެޑިކަލް ކޮލެޖުގެ އިސްވެރިޔާ އަމަރްޖީތް ސިންގް ބަތިއާ ވިދާޅުވި ގޮތުގައި މަރުވި ހުރިހާ މީހުންގެވެސް ސިކުނޑިއާއި ނާރުތަކަށް ގެއްލުން ލިބިފައިވެއެވެ. މި މެޑިކަލް އިމަޖެންސީ ޙާލަތާ ކުރިމަތިލުމަށްޓަކައި ޗުއްޓީތައްވެސް ކެންސަލްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަރުވެފައިވާ މީހުންނަކީ ގުޅުންހުރި ތިން ޢާއިލާއެއްގެ މެންބަރުންނެވެ. މި މައްސަލަ ތަޙުޤީޤުކުރުމަށް ފެޑެރަލް ސަރުކާރުން ފަށައިފައިވާއިރު، ޞިއްޙަތާބެހޭ ވަޒީރު ޖިތެންދްރަ ސިންގް ވިދާޅުވި ގޮތުގައި ފުރަތަމަ ތަޙުޤީޤުތަކުން ދައްކާ ގޮތުގައި މި މަރުތައް ދިމާވެފައިވަނީ އެއްވެސް އިންފެކްޝަނެއް، ވައިރަހެއް ނުވަތަ ބެކްޓީރިއާއެއްގެ ސަބަބުން ނޫންކަމަށާއި، ނަމަވެސް ވިހައެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، އިންޑިއާގެ ހުޅަނގު ސަރަޙައްދުގައިވާ ޕޫނޭ ސިޓީގައި މަދުން ފެންނަ ނާރުތަކުގެ ބައްޔެއް ކަމަށްވާ ގިއުލެއިން-ބާރޭ ސިންޑްރޯމް (ޖީބީއެސް) ގެ 73 ކޭސް ފާހަގަކުރެވިފައިވާ ކަމަށް ޕީޓީއައި އިން ރިޕޯޓުކޮށްފައިވެއެވެ.

މި ބަލީޖެހޭ މީހުންގެ އިމިއުން ސިސްޓަމުން ބޭރު ނާރުތަކަށް ގެއްލުން ލިބޭ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެއެވެ.

މި ލިއުމާއި ގުޅޭ