Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބައިލައްކަ ރުފިޔާގެ އިނާމަކާއެކު "ބޮޑުބެ ފުޓްސަލް ޗެލެންޖު" ފުވައްމުލަކުގައި

އެއްވަނަ އަށް ދާ ޓީމަކަށް ބައި ލައްކަ ރުފިޔާގެ އިނާމަކާއެކު ފުވައްމުލަކުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ބޮޑުބެ ފުޓްސަލް ޗެލެންޖް 2025" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި މުބާރާތް އިންތިޒާމް ކުރާ ބޮޑުބެ ގްރޫޕުން ބުނީ މިއީ ހަމައެކަނި ފުޓްސަލް މުބާރާތެއް ނޫން ކަމަށާއި، މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތަފާތު ހަރަކާތްތައް ހިމެނޭ ފެސްޓިވް ތަކަކާއެކު ކަމަށެވެ. އެގޮތުން، މެޗުތަކުގެ އިތުރުން، ސަޕޯޓަރުންނަށް ޚާއްސަކޮށް މުނިފޫހިފުލުވުމުގެ ހަރަކާތްތަކާއެކު، ރާއްޖޭގައި ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ މުޅިން އާ ބެންޗް މާކެއް ކަނޑައެޅުމަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 25 ދުވަހުއެވެ.

ބޮޑުބެ ގްރޫޕުން ބުނީ މިއީ ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިން އެއް މައިދާނަކުން ފެނި އެ ކުޅުންތެރިންގެ ހުނަރުތައް ދައްކައިލުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮކް އައުޓް އުސޫލުން ޓީމުތައް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ޖުމްލަ 24 ޓީމަކަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދާއިރު، ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް، ރަށަކުންވެސް މި މުބާރާތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ.


މުބާރާތުން އެއްވަނަ އަށް ދާ ޓީމަކަށް 50،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނައަށްދާ ޓީމަކަށް 25،000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން، މި މުބާރާތުގައި ރާއްޖޭގެ ފުންނާބު އުސް، ތަޖުރިބާކާރު ރެފްރީންނާއި، އެންމެ ކުޅަދާނަ ކޮމެންޓޭޓަރުން ހިމެނޭނެ ކަމަށް ބޮޑުބެ ގްރޫޕުން މައުލޫމާތު ދެއެވެ.

މި މުބާރާތުގެ އެމްބެސެޑަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ، ރާއްޖޭގެ އެންމެ ކުޅަދާނަ ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މޫސާ އަޒީމްއެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާނީ އަންނަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން 9689646 އަށް ވަޓްސްއެޕް ނުވަތަ ވައިބާ މެދުވެރިކޮށް މެސެޖުކުރުމަށް ވަނީ އެދިފައެވެ.

މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ބޮޑުބެ ގްރޫޕްގެ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.

މި މުބާރާތް ބޭއްވުމަށް ފުވައްމުލަށް ޚިޔާރުކޮށްފައިވަނީ އެއީ ރާއްޖޭގެ އެހެން ކަންކޮޅުތަކާ ތަފާތު ފަތުރުވެރިކަމުގެ މަންޒިލަކަށް ކަމަށް ވާތީ ކަމަށެވެ. އެގޮތުން، ޝާކް ޑައިވިން އާއި، މަޝްހޫރު "ތޫންޑު" ބީޗާއެކު މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަށް ތަފާތު މަޖާ ހަރަކާތްތަކެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މެޗުތަކުގެ އިތުރުން މުބާރާތުގެ ތެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ފުވައްމުލަކުގެ ވިޔަފާރިތަކުން ތައްޔާރުކުރާ އެކި ބާވަތުގެ ކެއިންބުއިމާއި މީރު ރަހަތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ލިއުމާއި ގުޅޭ