Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އަށް އެކި ފަރާތްތަކުން ދިން ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އެފް.އޭ.އެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގި މައްސަލާގައި ދައުލަތުން އިތުރު ބަޔަކަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނީ މިދިޔަ އާދިއްތަ ދުވަހު މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް އަދި، މ. ހިރިނައިދޫ، ހަސަން ވަހީދުގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

އަގީލް ވަނީ 2013 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ދެން ދައުވާ އުފުލާފައިވާ ހަސަން ވަހީދުވެސް ވަނީ 2014 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގައި އެކި މަގާމުތައް އަދާކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ މި ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމީން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރުމަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެހީތެރިވެދީފައިވާތީ ކަމަށެވެ.

އެގޮތުން، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ އެކައުންޓުގައިވާ ފައިސާއިން ޗެކު ތައްޔާރުކޮށްދީ އެއް މިލިއަން އެމެރިކާ ޑޮލަރު އަގީލް ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އަދި އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވަނީސް، އަމީން ކޮންސްޓްރަކްޝަނުން އެފްއޭއެމްއަށް، ޖުމްލަ 15،420،000 (ފަނަރަ މިލިއަން ހަތަރުލައްކަ ވިހިހާސް ރުފިޔާ) ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން، ޙަސަން ވަޙީދު ވަނީ އެފްއޭއެމްގެ އެކައުންޓުގެ ޗެކެއް މެދުވެރިކޮށް ޖެނުއަރީ 2021 ގައި ޗެކްމާކް ކުންފުންޏަށް USD100,000 (އެއްލައްކަ އެމެރިކާ ޑޮލަރު) ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،000 (އެއް މިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ) އެ އެސޯސިއޭޝަނަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓާޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް އެހީތެރިވެދީފައިވެއެވެ.

އަދި އެފްއޭއެމްގެ އެކައުންޓުގެ ޗެކު މެދުވެރިކޮށް ޕްރޯ ސިނަރޖީ މެޑިކަލް ސިސްޓަމްސް އަށް އެއްލައްކަ އެމެރިކާ ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،500 (އެއް މިލިއަން ފަސްލައްކަ ސާޅީސްދެހާސް ފަސްސަތޭކަ ރުފިޔާ) އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސްއިން ދޫކުރި ޗެކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާ ކަމަށް ޕީޖީއޯއިން ބުނެއެވެ.

މި މައްސަލާގައި ބައްސާމުގެ މައްޗަށް، ޚިޔާނާތްތެރިވުމުގެ ކުށުގެ ދެ ދަޢުވާއާއި، މަނީ ލޯންޑްރިންގެ ދެ ދަޢުވާގެ ޝަރީއަތް މިހާރު ހިނގަމުން އެބަދެއެވެ.

މި ލިއުމާއި ގުޅޭ