އިންޑިއާގެ ކަލްކަތާގައި ރޭޕްކޮށް މަރާލި ޑޮކްޓަރުގެ, 33 އަހަރުގެ ގާތިލް އުމުރު ދުވަހަށް ޖަލަށްލުމަށް މިއަދު ކޯޓުން ހުކުމްކޮށްފިއެވެ.
ހޮސްޕިޓަލެއްގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރި ސަންޖޯއި ރޯއީގެ މައްޗަށް ތުހުމަތުކުރެވުނު މި މައްސަލައިގައި، 31 އަހަރުގެ އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލިކަން ސާބިތުވި ކަމަށް ފަނޑިޔާރު އަނިރްބަން ދާސް ވިދާޅުވިއެވެ.
މި މައްސަލައަކީ އާންމު މައްސަލައެއް ކަމަށް ފާހަގަކުރެއްވި ފަނޑިޔާރު، މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވެވިއެވެ. ނަމަވެސް މި ހުކުމާމެދު މަރުހޫމާގެ މައިންބަފައިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެމީހުން އުންމީދުކުރީ ދަންޖައްސައި މަރާލުމުގެ ހުކުމެއް އަންނާނެ ކަމަށެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 9 ވަނަ ދުވަހު ސަރުކާރު ހޮސްޕިޓަލެއްގެ ތެރެއިން ފެނުނު މި މަރުގެ މައްސަލައިގައި، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރެވުނެވެ. އަދި ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުން ހަޅުތާލުކުރިއެވެ. މީގެ އިތުރުން، އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުން އިތުރުވެގެން ދިޔައެވެ.
މަރުހޫމާގެ ހަށިގަނޑު ފެނުނުތާ އެންމެ ދުވަހެއްގެ ތެރޭގައި ރޯއީ ހައްޔަރުކުރެވުނެވެ. އޭނާއަކީ އެ ހޮސްޕިޓަލުގައި ސިވިކް ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.
އިންޑިއާގައި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކަކީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމެކެވެ. އެގޮތުން 2023 ވަނަ އަހަރު އެކަނި 500،000 އަށްވުރެ ގިނަ އަންހެނުންނަށް އަނިޔާކުރެވުނު މައްސަލަތައް ރިޕޯޓުކުރެވިފައިވެއެވެ. އަދި މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމާއެކު، އަންހެނުންގެ ރައްކާތެރިކަމަށް އެދި މުޒާހަރާކުރުމާއި، އަޑުއުފުލުން ވެސް ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް، މިފަދަ ގިނަ މައްސަލަތަކުގައި އެކަށީގެންވާ އަދަބު ނުލިބޭކަމަށް ގިނަ ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުން ފާހަގަކޮށްލެވެއެވެ.