ގިނަ އަދަދެއްގެ ޑޮލަރާއި ޔޫރޯ ބޭރުކުރަން އުޅުނު އިންޑިޔާ މީހަކު ޖޫރިމަނާކޮށް ފައިސާ ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި މިފަދައިން ހުކުމް ކޮށްފައިވަނީ އިންޑިޔާ އަށް ނިސްބަތްވާ އަބްދުލް ރަގޫބް ނިސްތާރު ހަލީލް ރަހުމާން (27އ) ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ވީއައިއޭ އިން ސްރީލަންކާ އަށް ފުރަން އޮތް ފްލައިޓަށް އެރުމުގެ ކުރިން ޗެކިން ކުރުމުގެ ތެރޭގައި އޭނާގެ ލަގެޖު ޗެކްކުރިއިރު ފައިސާ އަޅާފައިވާ 14 ސިޓީ އުރައެއްގެ ތެރެއިން 104،977 ޔޫއެސް ޑޮލަރާއި، 31،585 ޔޫރޯ އާއި 180 ސްވިސް ފްރޭންކުގެ އިތުރުން 100 ދިރުހަމް ފެނިފައިވާ މައްސަލައިގައެވެ.
ކްރިމިނަލް ކޯޓު ހުކުމުން އެނގޭ ގޮތުގައި އޭގެ އިތުރުން ބެކްޕެކް ތެރެއިން އަންނައުނު އޮޅާ ފޮރުވާފައިހުރި 7 ސިޓީއުރައެއްވެސް ފެނިފައިވާއިރު އެ 7 ސިޓީ އުރައިގެ ތެރެއިން 32،395 ޑޮލަރާއި 18،790 ޔޫރޯ ފެނިފައިވެއެވެ.
މި މައްސަލައިގައި އަބްދުލް ރަގޫބް ނިސްތާރު ހަލީލް ރަހުމާން ވަނީ ޕީޖީ އާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ.
ކަސްޓަމުން ޑީކްލެއާ ކުރުމެއް ނެތި އެ ފައިސާ ރާއްޖެއިން ބޭރުކުރަން އުޅެފައިވާތީ ފައިސާ ދައުލަތަށް ނަގައި ދިނުމަށް ކޯޓުގައި އެދިފައިވާ ކަން ވެސް ހުކުމުން އެނގެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 12،000ރ އިން ޖޫރިމަނާކޮށް މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށާއި ބޭރުކުރަން އުޅުނު ފައިސާ ކަސްޓަމަށް ނެގުމަށެވެ.