މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް މަތިވެފައިވާތީ އެ ކަމަށް ރައްކާތެރި ވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފިއެވެ.
ވިލިމާލޭގެ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސްގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 156 ގައެވެ.
ނުރައްކާތެރި މިންވަރަކަށް ވައި ތަޣައްޔަރުވެފައި ވާތީ، ރައްކާތެރިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާލަތުގައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންވީ ބައެއް ކަންކަން އެޗްޕީއޭއިން ވަނީ ބުނެދީފައެވެ.
- - ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
- - ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކެއް އެޅުން.
- - ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
- - ތުއްތު ކުދިން ބޭރަށް ނުނެރުން.
- - ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
- - ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ކަހަލަ ކަންތައްތައް މަޑުޖައްސާލުން.
މީގެއިތުރުން، ގެއިން ބޭރުގައި އުޅޭ ވަރު މަދުކޮށް، އަދި ބޭރަށް ނުކުންނަ ނަމަ އެންމެން ވެސް މާސްކް އެޅުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖޭގެ ވައި ނުސާފުވެފައި ވަނީ އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާއެކުއެވެ. މި ދުވަސްވަރު ވައިގެ މިސްރާބު ހުންނަ ގޮތުން ބޭ އޮފް ބެންގާލްއިން ވައިގައި ހުންނަ ކުނޑި އާއި ހިރަފުސް ރާއްޖެއާ ދިމާލަށް ދަތުރުކޮށް ޖައްވު ނުސާފުވާން މެދުވެރި ވެއެވެ.
އާންމު ގޮތެއްގައި މިކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ.
"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ސިއްހަތު ރަނގަޅު މީހުން ހޭޒް ތެރެއަށް ނުކުމެ އުޅުމުން ލޮލާއި ނޭފަތާއި ކަރުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ހާލަތްތަކުގައި މިކަން އަމިއްލައަށް ރަނގަޅުވެއެވެ.
ނަމަވެސް ނޭވާ ހިއްލުމާއި ހާޓް ފެއިލްވުން ފަދަ ބަލިތައް ޖެހިފައިވާ މީހުންގެ ހިތާއި ފުއްޕާމެއަށް ހޭޒްގެ ނޭދެވޭ އަސަރުކޮށްފާނެއެވެ. ބޭރަށް ނުކުމެ އުޅޭއިރު ނޭވާ ލުމަށް އުދަނގޫވާނަމަ މާސްކެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ނުކުމެ އުޅުމުން މިކަމުގެ ސަބަބުން ސިއްހަތަށް ނުރައްކާވުމަކީ ނާދިރު ކަމެކެވެ.