މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ "ކުރަނގި" އޮޕަރޭޝަންގައި 1455 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކުރެވިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ހެނދުނު 9:15ން އިރުއޮއްސި 18:00ށް ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ "ކުރަނގި" އޮޕަރޭޝަންގައި 1455 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ޖުމްލަ 25،483 ބިދޭސީންގެ މައުލޫމާތުވަނީ އެއްކުރެވިފައިވާ ކަމަށެވެ.
މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނާއި ގުޅޭގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިއަދަކީ ޕްރައިވެޓް ސެކްޓަރ އަދި އާންމު ތަންތާނގައި ފުޅާކޮށް އޮޕަރޭޝަން މާލޭގައި ފެށުނު ދުވަސް ކަމަށެވެ.
އަދި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭނެއްގެ ދަށުން ކުރަމުންދާ މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.