އިންޑިއާގެ ކޮލްކަތާގެ ހޮސްޕިޓަލެއްގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައަށް ފަސް މަސް ފަހުން އެކެއްގެ މައްޗަށް ކުށް ސާބުތުވެއްޖެއެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު އަނިރުބަން ދާސްއާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ ރޯއީގެ މައްޗަށް ހުކުމް އިއްވާނީ އަންނަ ހޯމަދުވަހުގައިކަމަށެވެ.
މި މައްސަލައާ ގުޅިގެން ޑޮކްޓަރުގެ އާއިލާއިން ބުނީ މި ހާދިސާ ހިނގީ އެކަކު މެދުވެރިވެގެން ނޫންކަމަށާއި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގި ޖަރީމާއެއްކަމަށެވެ.
"އަހަރެމެން ބޭނުންވަނީ ރޯއި އަށް އަދަބު ލިބުން. އެކަމަކު އޭނާއަށް އެކަނި މި ކުށް ކުރެވޭކަށް ނެތް. [ސީބީއައި އިން ހެދި] ޑީއެންއޭ ޓެސްޓުތަކުން ދައްކާގޮތުން ކުށް ހިނގި ތަނުގައި އިތުރު ހަތަރު މީހުން ތިބިކަން އެނގޭ،" ޑޮކްޓަރުގެ ބައްޕަ ޙުކުމް ޝަރީއަތުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ވެސްޓް ބެންގާލް އާއި ދިއްލީގެ ޖޫނިއާ ޑޮކްޓަރުންނާއި އިންޓާން އަދި ޕޯސްޓްގްރެޖުއޭޓް ޓްރެއިނިން ޑޮކްޓަރުން ވަނީ ބޮޑު ހަޅުތާލުތަކެއް ފަށާފައެވެ. ސިއްޙީ ހިދުމަތްދޭ ތަންތަނުގައި ދެފުށް ފެންނަ ތަހުގީގެއް ހިންގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މެޑިކަލް ކޮމިއުނިޓީން ވަނީ ގޮވާލައިފަ އެވެ. އަދި މި ހާދިސާގެ މެޖިސްޓްރޭޓް އިންކުއަރީއެއް ހެދުމަށާއި އެކަމުގައި ޒިންމާވާ ފަރާތްތަކަށް ހަރުކަށި އަދަބުދިނުމަށް އިންޑިއާ ސަރުކާރުގިނަ ހޮސްޕިޓަލްތަކެއްގެ ޑޮކްޓަރުން ވަނީ ގޮވާލާފައެވެ.
އަންހެނުންނާ މެދު ހިންގާ ޖިންސީ ކުށުގެ މައްސަލަތައް އިންޑިއާގައި ވަރަށް އާންމެވެ. އާބާދީ 1.4 ބިލިއަނަށް އަރާ އިންޑިއާގެ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮންމެ ދުވަހަކު އެވްރެޖްކޮށް ރޭޕްގެ 90 މައްސަލަ ރިޕޯޓްކުރެއެވެ.