Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޭޝަނަލް ޑްރަގްސް އެޖެންސީ

މިއަހަރު އެންމެ ބޮޑަށް އިސްކަން ދޭނީ އެންޑީއޭގެ ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރަން: ލުބްނާ

މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެންޑީއޭގެ ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.

އެންޑީއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ލުބްނާ ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައިވެސް ސެންޓަރުތަކުގެ ސްޓްރަކްޗަރތަކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ އެކަމަށް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ނަގާ މީހުންގެ ހާލަތަށް ބަލާފަ ފަރުވާ އަވަހަށް ބޭނުންވާ މީހުންނަށް އައުޓްރީޗް ކުރައްވާ ކަމަށާއި މި މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ ކަމަށެވެ.

މިއަހަރު އެންމެ ބޮޑު އިސްކަމެއްދެއްވާނީ ސެންޓަރުތަކުގެ ޖާގަ އިތުރުކޮށް އެތަންތަނުގެ ހާލަތު ރަނގަޅު ކުރުންކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ އެ މަގަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ލުބުނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖްތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޑިޓޮކްސިފިކޭޝަން ކަމަށެވެ. އެގޮތުން މި ފަރުވާ ހޮސްޕިޓަލްތައް މެދުވެރިކޮށް ފަށާނީ ޑޮކްޓަރުންގެ އެހީގައި ބޭސް ދީގެން ކަމަށެވެ.

ޑިޓޮކްސިފިކޭޝަން ޕްރޮސެސް އަޅުގަނޑުމެން ހިންގާނީ ހެލްތު ފެސިލިޓީތަކާ ގުޅިގެން. މިހާރު އަޅުގަނޑުމެންނަށް ވަނީ ހެލްތު މިނިސްޓްރީން މީގެ ފެހި ސިގްނަލް ދެއްވާފަ. އެހެންވީމަ އަޅުގަނޑުމެންނަށް ހަމަ ހޮސްޕިޓަލްތަކާއި ގުޅިގެން ޑޮކްޓަރުންވެސް ޓްރެއިންވެގެން އަޅުގަނޑުމެން މި ޓްރީޓްމެންޓް މިފަށަނީ. އޭގެ މާނައަކީ ގޭގައި ބެލެނިވެރިންނަށް ނުބެލެހެއްޓޭ ކުދިން އަޅުގަނޑުމެން ގޭގައި ބަހައްޓައިގެން އެއްގޮތަށްވެސް ފަރުވާއެއް ނުދޭނެ އިނގޭތޯ. އޭގައި އެކުއްޖާ އަދި ބެލެނިވެރިޔާގެ ޗޮއިސްއަށް ބަލާފައި މިހާރުވެސް އަޅުގަނޑުމެން ކުދިން ނަގާގޮތަށް ނުވަތަ ކުދިން ފަރުވާއަށް މޯޓިވޭޓް ކޮށްގެން ގެންނަ ގޮތަށް ނޫނީ ހަމަ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައިގެން ފަރުވާ ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން
ލުބްނާ ޒާހިރު
ލުބްނާ ވިދާޅުވީ އެންޑީއޭގެ ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ބަންދުކުރަން ނޫޅުއްވާ ކަމަށާއި ނެޝެނަލް ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ހިނގާނެ ކަމަށެވެ. އެގޮތުން ހުޅުމީދުގައި ހުންނަ ވިލުނޫ އަދި ހިންމަފުށީގެ އިތުރުން ތިނަދޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިވެސް ޑިޓޮކްސިފިކޭޝަން ނިޒާމު ގާއިމްވެފައި އެބަހުރި ކަމަށެވެ. މިތަންތަނުން މިހާރު ދެމުންދަނީ މެތަޑޯން ފަރުވާ ކަމަށާއި ނަމަވެސް މުޖްތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާ ދޭނީ ޑޮކްޓަރުންގެ އެހީގައި ބިއުޕްރިނޯފިން ދީގެން ކަމަށް ލުބްނާ ވިދާޅުވިއެވެ.

މުޖްތަމަޢުގައި ބަހައްޓައިގެން ފަރުވާ ދިނުމުގެ ނިޒާމު ޤާއިމް ކުރެވޭއިރު ސައިކޯ ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމު ވަރުގަދަ ކުރަންޖެހޭކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓު ދޭނެ އެންޖީއޯތައް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

އަދި މިފަދަ އެންޖީއޯތަކަށް ފައިނޭންޝަލް ސަޕޯޓް ދެވޭނެ ގޮތަކަށް މަސައްކަތްތަށް ބައްޓަންކުރައްވަން ގިނަ މަސައްކަތްތަކެއް އެންޑީއޭގެ ބޯޑުން މިހާރު ފައްޓާފައިވާކަންވެސް ލުބްނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ