ﷲގެ ރުހިވޮޑިގަތުން އެދޭ މީހާ ވެރިމީހާ ބެލިޔަސް ނުބެލިޔަސް ބަރާބަރަށް މަސައްކަތްކުރާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގެ މިއަދުގެ މައުޟޫއުއަކީ "ބާޠިލުގޮތުގައި މުދާ ކެއުން" މިއެވެ. ކުތުބާގައި ބުނެފައިވަނީ މުދަލަކީ ﷲ ސުބުހާނަހޫ ވަތައާލާ އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ނިއުމަތެއްކަމަށެވެ. އަދި އެއީ އެކަލާނގެ އަޅުތަކުން އިމްތިހާނުކުރެއްވުމަށްޓަކައި ލައްވާފައިވާ ސަބަބެއްކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
މުދަލަކީ ދެ މިޔަލީ ކަނޑިއެއްކަމަށާއި އެއީ ބިނާކުރުމަށާއި ފަނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއްކަން ފާހަގަކޯށް ޚުތުބާގައި ބުނެފައިވަނީ އިންސާނާ ހަލާލު ގޮތުގައި މުދާ ހޯދައިފި ނަމަ އަދި ހަލާލުގޮތުގައި ވުނަކޮށްފިނަމަ އަލި ހަލާލުގޮތުގައި ހޭދަކޮށްފިނަމަ އެއީ އޭނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ އެއްޗެއްކަމަށެވެ.
ޚުތުބާގައި ބުނެފައިވަނީ މުދަލަކީ އިންސާނާގެ ހަޔާތުގައި މުހިއްމު އެއްޗަކަށްވާއިރު އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭނެކަމަށެވެ.
ނޫން ނަމަ ހެޔޮ މަގުން ކަސިޔާރުވެދާނެކަމަށާއި މިހެންވެ މުދަލުގެ ފިތުނައިން ރައްކައުތެރިވުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާކަމަށް ޚުތިބާގައި ބުނެފައިވެއެވެ.
އެކަލޭގެފާނު ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވަނީ:
"ހަމަކަށަވަރުން ކޮންމެ އުންމަތަކަށްމެ ފިތުނައެއް ވެއެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ފިތުނައަކީ މުދަލެވެ."
ޚުތުބާގައި އިތުރަށް ބުނެފައިވަނީ ބާތިލުގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުންވާކަމަށެވެ. އަދި މިއީ ހަރާމްކަމެއްކަމަށާއި އަމާނާތަށް ހިޔާނާތްތެރިވުމަކީ މަކަރާއި ހީލަތް ހެދުންކަމަށްވެސް ބުނެފައިވެއެވެ.
"ބާތިލުގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަން ޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުން ވެއެވެ. ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ އަޅާގެ އީމާންކަން ފުރިހަމަކަމުގެ އަލާމާތެކެވެ. މިފަދަ މީހަކު ނަމަ އޮފީހަށް ގޮސް އެތާނގެ މަސައްކަތާ ނުގުޅޭ ކަންކަމުގައި އޭނާ މަޝްއޫލުވެއެއްނޫޅޭނެއެވެ. އޭނާގެ މަސައްކަތަށް ﷲ ބައްލަވައިވޮޑިގަންނަވާކަން ދަންނަ މީހާ އޭނާ މަސައްކަތްކުރޭތޯ ވެރިމީހާ ބެލިޔަސް ނުބެލިޔަސް ބަރާބަރަށް އޭނާ މަސައްކަތްކުރާނެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.