ނިމުނު އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރިވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ފޯމު އިވެލުއޭޓު ކުރުމުގެ ބަދަލުގައި މިހާރު އިވެލުއޭޝަން ކުރިއަށް ގެންދަނީ ގެޒެޓުކުރި ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ފްލެޓު ލިސްޓާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ޝޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ސްކީމްގެ ދަށުން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާއިރު, މިއީ ޖުމްލަ 20,000 ފޯމެވެ.
ގިނަ މަސައްކަތްތަކަށްފަހު ސަރުކާރުން މިހާރު ނިންމާފަިއވަނީ ފްލެޓަށް އެދި ހުށަހެޅި ހުރިހާ ފޯމުތަކެއް އިވެލުއޭޓު ކުރުމުގެ ބަދަލުގައި ނޮވެމްބަރު 2023 ގައި ކުރީ ސަރުކާރުން ފައިނަލްކޮށް ގެޒެޓުކުރި ލިސްޓުގައި ހިމެނޭ 4,000 ފޯމުތައް އިވެލުއޭޓު ކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާއިރު, ކުރިން އަމަލުކުރަމުން ގޮސްފައިވާ އުސޫކުތަކަށް ރިއާޔަތް ކުރައްވާނެ ކަން މުއްތަލިބް ފާހަގަ ކުރެއްވިއެވެ.
އެ އުސޫލުގެ ދަށުން މާލޭގައި 15 އަހަރު ދިއިރުޅުނުކަން ސާބިތުކޮށްދިނުމަށް ބަލައިގަތުމަށް ނިންމާފައިވަނީ ހަ ލިޔެކިޔުމެކެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ވެރިފިކޭޝަން މަރުހަލާގައި ބަލާނީ ހަމައެކަނި އެ ލިޔެކިޔުންތައް ކަމަށާއި, ސިޓީ ނުވަތަ އެފަދަ އިތުރު ލިޔެކިޔުމަކަށް ރިއާޔަތް ނުކުރުމަށް މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާ ދެއްވާފައިވާ ކަމަށެވެ.
އެ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި ވަޒީފާ އަދާ ކުރިކަމުގެ ލިޔުން, އަނބިމީހާ ނުވަތަ ފިރިމީހާ ކައިވެނި ކުރުމަށް ފަހު ވަޒީފާ އަދާ ކުރިކަމުގެ ލިޔުން, ސްކޫލް ނުވަތަ ކޮލެޖް ނުވަތަ ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން އަދި, އަނބިމީހާ ނުވަތަ ފިރިމީހާ ކައިވެންޏަށް ފަހު ސްކޫލް/ކޮލެޖް/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުމުގެ އިތުރުން, ދަރިން މާލެ ސްކޫލް ނުވަތަ ކޮލެޖު ނުވަތަ ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން އަދި ޕެންޝަނާ ބެހޭ ލިޔުންތަކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ, ފްލެޓު ދިނުމުގައި މާޅޭގައި މެދުކެނޑުމެއްނެތި ދިރިއުޅުނު މުއްދަތު ކަނޑައެޅުމުގައި އެއް ހަމައެއް ގެންގުޅެފައި ނުވުމެވެ.
ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންދާއިރު އަޅުގަނޑުމެން ބަލާފައި ވާނީ މާލޭގައި ދިރިއުޅޭ މުއްދަތަށް މެދުކެނޑުމެއް އައި ކަމަށް ބަލާނީ އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކުގެ މެދުކެނޑުމެއް އައުމަށް. އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ އެ މެދުކެނޑުން ބޯހިޔާވަހިކަމުގެ ސްކީމުގައި މާނަކޮށްފައި ނުވާތީ އާއި 2015 ވަނަ އަހަރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގައި މެދުކެނޑުމެއް ކަމަށް ބަލާފައި ވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ކަމަށް ވާތީ.މިނިސްޓަރު މުއްތަލިބް
ލިސްޓުން ވަކިވެގެންދާނެ މީހެއްގެ އަދަދެއް ވިދާޅުވާން ދަތި ނަމަވެސް ލިސްޓުގައި ތިބި މީހުންގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކަށް ފްލެޓު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު, ފްލެޓު ލިސްޓުގައި ބަލަން ޖެހޭ ކަންކަން ވަރަށް ގިނަ ކަމަށާއި ކުރީ ސަރުކާރުން އެކުލަވައިލި ފްލެޓު ކޮމިޓީގެ ސިޔާސީ މެންބަރުންނަށް އުސޫލާ ހިލާފަށް ފްލެޓު ލިބޭ ގޮތަށް މާކްސް ބަދަލުކޮށްފައިވާ ކަމަށާއި، ކުރީ ސަރުކާރުގެ އިސްވެރިންގެ އާއިލީ މީހުންނާއި ނުފޫޒު ގަދަ އާއިލާތަކުގެ ގިނަ ބަޔަކަށް ވެސް ފްލެޓުތައް ބަހާލާފައިވާ ކަން ފާހަަވެފައިވާ ކަމަށް ސަރުކާރުން ވަނީ މީގެކުރިން ވެސް ބުނެފައެވެ.
ރޯދައިގެ ކުރިން ފްލެޓު ލިސްޓު އާންމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ވިދާޅުވެފައިވާއިރު, ތެދު މައުލޫމާތު ހުށަހަޅައިފިނަމަ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއް އަތުނުލައްވާނެ ކަމަށާއި ކުރީ ސަރުކާރުން ގެޒެޓުކޮށްފައިވާ ލިސްޓެއް އަތުލުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި, ނަމަވެސް ދޮގު މައުލޫމާތާއި މަކަރު ހަދައިގެން ފްލެޓު ހޯދަން މަސައްކަތް ކޮށްފިނަމަ ލިސްޓުން ކެންސަލްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއަށްފަހު އެ ލިސްޓުގެ ތެރެއިން މިހާރު އިމާރާތް ކުރަމުންދާ 4،000 ފުލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅައި އިއުލާނުކުރީ ރިޔާސީ އިންތިޚާބު ނިމުމަށްފަހު އިންތިގާލީ މަރުހަލާގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީ)ން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ހާމަކޮށްފައިވާ ގޮތުގައި އެ ލިސްޓުގައި ނަން އޮތް 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވެއެވެ. އަދި ޝަރުތު ހަމަވުމާއެކު 20.7 އިންސައްތަ މީހުންގެ އެއްވެސް މައްސަލައެއް ނެތް އިރު، ޝަރުތު ފުރިހަމަ ވިޔަސް 19،7 ޕަސެންޓް ފޯމުގައި އެކި މައްސަލަތައް ހުރި ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.