އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައެޅި ނިންމުން ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން އަންނަ ހޯމަ ދުވަހަށް ތާވަލް ކޮށްފިއެވެ.
މި މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެ ފައިސާ ލޯންޑާ ކުރި ކަމަށް އުފުލި ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމުމަށް ފަހު ހައި ކޯޓުން ވަނީ ހުކުމް ބާތިލްކޮށްފައެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލައިގެ ޝަރީއަތް އަލުން ފެށިނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުންން އެދުނު ގޮތަށް ސުޕްރީމް ކޯޓުގައި އޮތް މައްސަލާގައި ގޮތެއް ކަނޑައަޅަންދެން ޝަރީއަތް މަޑުޖައްސާލުމަށް ކޯޓުން ވަނީ ނިންމާފައެވެ.
އެ ހެކިތައް އެއް ފަރާތް ކުރުމަށް ފަހު، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ވަނީ ދަށު ކޯޓަށް އަމުރުކޮށްފައެވެ. ހައި ކޯޓުގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ފުށުއަރާ ނިންމުންތަކެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.
އެގޮތަށް އެދުނު ނަމަވެސް އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ ބައްލަވާ މެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.