މެމްބަރުން އިތުރުކުރުމަށް ކުރިޔަށްގެންދިޔަ "މެމްބަރޝިޕް ޑްރައިވް" ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހަޅާފައިވާކަމަށާއި އެކަން މިހާރު ދަނީ ބަލަމުންކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގި "މެމްބަރޝިޕް ޑްރައިވް" ގައި ޕާޓީއަށް ހުށަހެޅި އެތައް ހާސް ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނިކޮށް މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެ ޕާޓީން ބުނީ ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް ފޯމުތަށް އަޕްލޯޑްކުރަމުން ދިޔަ ނަމަވެސް ޕާޓިއަށް ވަނުމަށް އެދި ލިބުނު ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެ ޕާޓީއަށް ލިބިފައިނުވާކަމަށެވެ. މިކަމުގެ ސަބަބުން ފޯމުގެ ސައްހަކަމާއި މެދު ސުވާލު އުފެދުނީ އިލެކްޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާގައިކަމަށާއި މިއީ ހަމައެކަނި އެ ޕާޓިއަށް އޮތް ގޮންޖެހުމެއް ނޫންކަމަށް ވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ބަލަމުންގެންދާކަން ޕާޓިއަށް އަންގާފައިވާކަމަށާއި އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ޕާޓީގެ ފަރާތުން ދޭނެކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. އަދި މިކަން ހިނގާދިޔަ ގޮތް ބެލުމަށް ޕާޓީ އިން ވެސް ފޯމުތައް ހުޅަހެޅިފައިވާގޮތް ބަލަމުންދާކަމަށް ވެސް ބުންޏެވެ. ޕީއެންސީ އިން ބުނީ ސައްހަ ނޫން ފޯމުތަކެއްގެ މުގާބިލުގައި ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ޕާޓީގެ ރައީސް އަދި ލީޑަޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.
ސައްހަ ނޫން ފޯމެއް މެދުވެރިކޮށް ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ ޕާޓީއަށް އީމެއިލް ކުރުމަށްވެސް ޕީއެންސީ އިން އެދިފައިވެއެވެ.