ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ ދެ ގޮނޑިއަށް މެންބަރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓުގެ ކުރިއަށް އައިމިނަތު ސަރާހަތު އިއްޒަތު އަދި ޝިފްޒާ މުސްތަފާގެ ނަން އަރައިފިއެވެ.
ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މިދިޔަ މަހު ހަމަވެފައިވާއިރު, އެ މަގާމަށް ކުރިަމތިލުމަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި އިރު, ލިސްޓު އޮތީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ.
އެގޮތުން އެ ލިސްޓުގައި އެންމެ ކުރީގައި އޮތީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި އިބްރާހިމް މުއާޒު އަލީ (މުއާ)ގެ ނަމެވެ.
ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އާންމު ކުރި ރިޕޯޓުގައި 89 ޕަސެންޓާ އެކު އެންމެ މަތިން މާކްސް ލިބިވަޑައިގެން މިހާރު އެ ލިސްޓުގެ ކުރީގައި އޮތީ ކޮމިޝަންގެ މެމްބަރުކަން ކުރިން ވެސް ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތެވެ.
އަދި 79 މާކްސްއާއެކު ލިސްޓުގެ ދެވަނަގައި ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަމެވެ.
އިންޓަވިއުއަށް ފަހު މުހައްމާ ލިސްޓުގެ ފަހަތަށް ވެއްޓިފައިވާއިރު, މުއާޒުގެ ނަން ވަނީ ކޮމިޓީގެ ލިސްޓުން ކަޓާފައެވެ. ބްރޯޑްކޮމް އަށް އައްޔަންކުރަން ގާބިލް ކަމަށް ކޮމިޓީން ބަލާފައި ވަނީ 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިވަޑައިގަތް ބޭފުޅުންނެވެ. މުއާޒުއަށް 68 މާކްސް ލިބިފައިވާތީ ތަޅުމަށް ފޮނުވާ ނަންތަކުގެ ލިސްޓުން އޭނާގެ ނަން ވަނީ ކަޓައިފައެވެ.
މުހައްމާގެ ނަން މިހާރު ވަނީ ލިސްޓުގެ ތިން ވަނައިގައެވެ. ހަތަރުވަނައިގައި އޮތީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ޝިމްލާ އަހުމަދުގެ ނަމެވެ.
ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރުމަށް އަންނަ ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފައިވާ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ބްރޯޑްކޮމް އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަންގެ މެމްބަރުންނަށް ލިބެނީ ފަސް އަހަރުގެ ދައުރެކެވެ.