ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އިޒްރާއީލާއި ހަމާސްއާ ދެމެދު ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުން ކުރިއެރުން ލިބިއްޖެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ދޯހާގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި އެމެރިކާގެ މިހާރުގެ ރައީސް ބައިޑެންގެ އިތުރުން، އަލަށް އިންތިޚާބުވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުންވެސް ބައިވެރިވިއެވެ. މި މަޝްވަރާތަކުގައި އެއްބަސްވުމުގެ ފަހު ޑްރާފްޓް ދެފަރާތަށް ހުށަހަޅާފައިވަނީ ގަތަރުގެ ފަރާތުންނެވެ.
މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ޣައްޒާގައި ހިފެހެއްޓިފައިވާ 33 މީހުން މިނިވަންކުރެވޭނެއެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުން، އަދި 50 އަހަރުން މަތީގެ ފިރިހެނުންނާއި، ބަލި މީހުން ހިމެނެއެވެ. މިމަހުގެ 16 ވަނަ ދުވަހު ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށޭއިރު، އޭގެ ތެރޭގައި އަސްކަރިއްޔާއަށް ނިސްބަތްވާ ފިރިހެނުން މިނިވަންކުރުމާއި، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އަނބުރާ ރައްދުކުރާނެ ގޮތުގެ މަޝްވަރާތައް ހިމެނެއެވެ.
އިތުރު މަޝްވަރާތައް އަންނަ އަންގާރަ ދުވަހު ދޯހާގައި ކުރިއަށްދާނެއެވެ. ޓްރަމްޕް ރައީސްކަމާ ހަވާލުވާ ދުވަސް ކަމަށްވާ ޖެނުއަރީ 20 ގެ ކުރިން މި އެއްބަސްވުން ނިންމުމަށް މަސައްކަތް ކުރެވެމުންދާކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 46،500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އދ އަދި ގިނަ ގައުމުތަކުގެ ފަރާތުން މި ހަނގުރާމަ ހުއްޓުވުމަށް ގޮވާލަމުންދެއެވެ. މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ ހަނގުރާމަ ހުއްޓުވުމަށް ގަތަރު މެދުވެރިއަކަށްވެ ދެފަރާތުން ބާއްވަމުންދާ މަޝްވަރާތަކެކެވެ. މީގެ ކުރިން ހަރުކަށި ޝަރުތުތަކާ ގުޅިގެން މިފަދަ މަޝްވަރާތައް ނާކާމިޔާބުވެފައިވެއެވެ.