ރާއްޖޭގައި ޑިޖިޓަލް ތަރައްޤީ ޤާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ގޮތްތަކާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު, އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. ކަރިސް ވަނީ، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި އެ ޤައުމަށް ވަޑައިގެންނެވީތީ ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ގައުމުން ވިދާޅުވި ހޫނު މަރުޙަބާ އާއި އަރިސްކުރެއްވި މެހުމާންދާރީއަށްޓަކައި، ރައީސް ކަރިސް އާއި އެސްޓޯނިއާގެ ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާއިރު, ރައީސް ވަނީ ސައިބަރސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ޢިލްމު ހިއްސާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މީގެއިތުރުން, އެސްޓޯނިއާ އަކީ އިޢާދަކުރަނިވި ހަކަތަ އާއި، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ ދިވެހިރާއްޖެއަށް އަގުހުރި ނަމޫނާތަކެއް ކަމަށެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، އެސްޓޯނިއާ އާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.