ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ސްޓެލްކޯ އިން ހިދުމަތް ދެމުން އަންނަ ރަށްރަށުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފި އެވެ.
ސްޓެލްކޯއިން ބުނީ، މިއަދުން ފެށިގެން މި މަހުގެ 18 ގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ ބަޔާނާ ގުޅިގެން، ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ނިންމައި، ސްޓެލްކޯގެ މެނޭޖްމަންޓްއިން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.
އެހެންކަމުން މި ހާލަތުގައި، އެންމެ އިސްކަމެއް ދޭނީ ސްޓެލްކޯ އިން ހިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަށް ވެސް ހާއްސަ އަހަމިއްޔަތުކަމެއް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ހަމައެއާއެކު އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ ހިދުމަތްދޭ ހުރިހާ ރަށެއްގައި ވެސް މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
ރައްޔިތުންނަށް ދިމާވާ ކުދި އަދި ބޮޑެތި ކާރިސާތަކުގައި ވެސް ސްޓެލްކޯގެ މުވައްޒަފުން ގެންދަވަނީ ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުންނެވެ.