ވިއްސާރަ ވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނާ ގުޅިގެން ފެނަކައިގެ އެމެޖެންސީ ރެސްޕޮންސިވް ޓީމުތައް ރަށްރަށުގައި ހަރަކާތްތެރި ވަމުންދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވުމުން ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވުމަށް ފެނަކައިގެ ބްރާންޗުތަކުގައި އެކުލަވާލާފައިވާ ކުއްލި ހާލަތްތަކަށް އިޖާބަދޭ ޓީމްތައް ރަށްރަށުގައި ހަރަކާތްތެރިވާ މުއައްސަސާތަކާ ގުޅިގެން ހަރަކާތްތެރިވަމަށް ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ.
އެ ކުންފުނިން ހިދުމަތް ދެމުންދާ 151 ރަށުގައި މިފަދަ ކުއްލި ހާލަތަށް އިޖާބަދޭ ޓީމުތައް އެކުލަވާލާފައިވާނެކަމަށާއި އެ ޓީމްތަކުގައި ޖުމްލަ 2311 މެންބަރުން ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މީގެއިތުރުން މިފަދަ ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުންނާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އަރުވާފައިވެއެވެ. އެ ކުންފުނިން އިތުރަށް ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ފެނަކައިން އިސްކަންދޭނެ ކަމެއް ކަމަށެވެ.