ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އަލުން އެ މައްސަލަ ބަލަން ދިވެހިރާއްޖޭގެ ހައި ކޯޓުން އަމުރުކޮށްފިއެވެ.
ޖިހާދުގެ މައްޗައް ކުރާ ދައުވާއަކީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ސަރުކާރުގެ ނިންމުމާ ޚިލާފަށް އެއްބަސްވުމެއް އެކުލަވައިލި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެމައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިއުމަށް އެދި ދައުލަތުންދައުވާ ކުރާ މައްސަލައެކެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ބެލުމަށްފަހު އެވެ. އެއީ ތަހުގީގު މަރުހަލާގައި ގާނޫނީ ގޮތުން ގޯސްތަކެއް ހަދާފައިވާތީ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.
އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލަ އަލުން ބަލަން އަމުރުކުރީ މިއަދު އެވެ.
ނިމިދިޔަ ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބެލީ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލައި ނިންމާފައި ވަނިކޮށް ކަމަށާއި އެކަމަކު އަލުން މައްސަލަ ބެލި ސަބަބެއް ބުނެދެވިފައި ނުވާކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަހަށް ތަހުގީގު މަރުހަލާގައި ބަލާފައިވާއިރު، އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރި މީހެއް ކަމަށާއި އަދި އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް އެ ނިންމުމުގައިވެ ބުނެފައިވެއެވެ..
ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވި ނިންމުމުގައިވަނީ ތަހުގީގު ހިންގާފައިވަނީ އިންސާފުން ނޫން ކަމަށް ކަންތައްތަކެއް ފާހަގަ ކުރެވޭތީ، އެފަދަ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކުރާ ދައުވާއަށްވެސް އަސަރު ކުރާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންނަމަވެސް މިއަދު ހައިކޯޓުގައި ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ހައިކޯޓުގެ، ފަނޑިޔާރު ހުސައިން މަޒީރު، މުހައްމަދު ނިޔާޒް އަދި މުހައްމަދު ފައިސަލް ނިންމެވީ ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފު ކަމަށެވެ.