Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ނިމުނު އަހަރު 15،000 އަށް ވުރެ ގިނަ އުޅަނދު ޓޯކުރި

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް މަގުމައްޗަކީ އެންމެނަށް އަމާން ތަނަކަށް ހެދުމަށް ކުރެވުނު މަސައްކަތުގެ ދަށުން ނިމުނު އަހަރު 15،000 އަށް ވުރެ ގިނަ އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމުނު އަހަރު ޓޯ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯ ކޮށްފައިވެއެވެ. އޭގެތެރޭގައި 11،645 ސައިކަލު، 2،567 ކާރު، 478 ޕިކަޕް، 369 ވޭން އަދި 87 ޓްރަކް ހިމެނެއެވެ.

އެ އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ނައްތާލާފައިވާއިރު، 13،562 އުޅަނދު ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މީގެއިތުރުން، ފާއިތުވި އަހަރު ޖުމްލަ 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 66،347 މީހަކަށް ނަސޭހަތްދީ 7،606 މީހަކަށް ވަޔަލޭޝަން ސްލިޕް ދޫކޮށްފައިވެއެވެ.

އަދި ލައިސަންސް ނެތި ދުއްވި 2،138 މީހަކު ފާހަގަކުރެވުނުއިރު، އޭގެތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނެއެވެ.

ނިމުނު އަހަރު ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. އޭގެތެރޭގައި ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުލީ 22 އުޅަނދު ދުއްވުމުގެ މައްސަލަތައް ހިމެނެއެވެ.

މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް ފުލުހުން ބުނީ އެކްސިޑެންޓުތައް މަދުކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ހަރުދަނާ މަސައްކަތްތަކެއް ފާއިތުވި އަހަރު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ފުރާނައަށް ނުރައްކާވާފަދަ އެކްސިޑެންޓުތައް މަދުކުރުމަށް އެކަމަށް ވަކިން ހާއްސަކޮށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

އެ މުއައްސަސާއިން ބުނީ އަމާޒަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުވެ، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތަކު އުފެދިގެން ދިއުން ކަަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމުންގެ އެއްބާރުލުން ވަރަށް މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި ލިއުމާއި ގުޅޭ