މާދަމާއިން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ރީތިވާނެ ކަމަށާއި، ކަނޑުތައްވެސް މަޑުވާނެ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް ސްރީލަންކާގެ ދެކުނުގައާއި ރާއްޖޭގެ ހުޅަނގުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، މި ކޮޅިގަނޑުގެ ބާރު ގަދަވެ އޭގެ އަސަރު ރާއްޖެއަށް ކޮންމެވެސް ވަރަކަށް މާދަމާއިން ފެށިގެން ކުރާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެ އިދާރާއިން ބުނީ މި ވިއްސާރައިގެ އަސަރު ރާއްޖޭގެ ބޮޑު ހިސާބަކަށް ކުރާނެކަމަށް ލަފާކުރެވޭކަމަށާއި ގާތްގަނޑަކަށް ހަތަރު ދުވަހަށް މި ވިއްސާރަ ދެމިގެންދާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވެރިރަށް މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގެތަކާއި ފިހާރަތަކަށްވެސް ފެންވަދެ، އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.
މެޓު އޮފީހުން މިއަދު އިރުއޮއްސި 6:00 އަށް މޫސުން ލަފާކޮށްފައިވާގޮތުގައި ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މިއަދުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ލަފާ ކޮށްފައިވެއެވެ.
މިއަދު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ،މެޓުން ބުނެފައިވާއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ.