Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެކްނޮލޮޖީ

ރައީސްގެ އެސްޓޯނިއާ ދަތުރުފުޅާއިއެކު ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ އިތުރު ހަރުފަތަކަށް ގެންދެވޭނެ: ޑރ.ކިނާނަތު

ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫރަޕްގެ ގައުމެއް ކަމަށްވާ އެސްޓޯނިއާ އަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ޓެކްނޮލޮޖީ ގޮތުން ރާއްޖެ އޮތް ހާލަތުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް ހޯމް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ޑރ.މުހައްމަދު ކިނާނަތު ވިދާޅުވީ އެސްޓޯނިއާ އަކީ ސްމާޓް ސިޓީ ކޮންސެޕްޓްގައި އެންމެ ކުރީގައި އޮތް އެއް ޤައުމު ކަމަށެވެ. އަދި އެސްޓޯނިއާ އަކީ މުޅި ދުނިޔެ އާއި ޔޫރަޕްގައި ވެސް ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ އެއް ޤައުމު ކަމަށެވެ.

ރާއްޖޭގެ އައިޓީ އިންފްރާސްޓްރަކްޗަރ ވަރުގަދަވި ނަމަވެސް ބޭނުންކުރާ ބައެއް އެޕްލިކޭޝަން ހުންނަނީ "އިންޑިވިޖުއަލް" ކޮށް ކަމަށާއި އެފަދަ އެޕްލިކޭޝަންތައް އިންޓަރގްރޭޓް ކުރަންޖެހޭ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި ވެސް ފުޅާދާއިރާއެއްގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާއިރު ރާއްޖޭގައި ވެސް އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރެވެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ކިނާނަތު އިތުރަށް ވިދާޅުވީ ރައީސް އެސްޓޯނިއާ ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން އީ-ގަވަރނަންސް ދާއިރާއިން ގުޅުން ބަދަހިކޮށް، ޓެކްނޮލޮޖީގެ ގޮތުން ގިނަ މައުލޫމާތުތަކެއް ބަދަލު ކުރެވިގެންދާނެ ކަމަށެވެ.

ރައީސްގެ މެނިފެސްޓޯގައި ޓެކްނޮލޮޖީގައި ދާއިރާއިން ވަރަށް ގިނަ ކަންތައްތައް ކުރުމަށް ކަނޑައަޅާފައިވާ ކަމަށާއި އެކަންތައްތައް ކުރުމުގެ ކަންތައްތައް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން މިކަމަށް ވަކި ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާ، އެ ޕްލޭންގައި ހުރި ކަންތައްތައް ހާސިލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެސްޓޯނިއާގެ ރަޢީސް ޑރ.އަލާ ކާރިސްގެ ހާއްސަ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި، މިއީ ރައީސް މުއިއްޒު ޔޫރަޕުގެ ގައުމަކަށް ރަސްމީ ދަތުރުފެއް ކުރައްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

މި ލިއުމާއި ގުޅޭ