Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔޫކްރެއިން

ޔުކްރެއިންގެ ސިފައިން ރަޝިއާގެ ކުރްސްކުން އުތުރު ކޮރެއާގެ ދެ ސިފައިން ހައްޔަރުކޮށްފި

ރަޝިއާގެ ކުރްސްކް ސަރަހައްދުން އުތުރު ކޮރެއާގެ ދެ ސިފައިން ހައްޔަރުކުރެވިފައިވާ ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

މިއީ އުތުރު ކޮރެއާ ސިފައިން މި ހަނގުރާމައިގައި ބައިވެރިވި ފަހުން ދިރިހުއްޓާ އުތުރު ކޮރެއާ ސިފައިންގެ މީހަކު ހައްޔަރުކުރެވުނު ފުރަތަމަ ފަހަރެވެ.

ޔުކްރެއިން އަދި ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި އުތުރު ކޮރެއާގެ 10،000 އަށްވުރެ ގިނަ ސިފައިން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ރަޝިއާއަށް އެހީތެރިވެ ދިނުމުގެ ގޮތުން މި ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.

ހައްޔަރުކުރެވުނު ސިފައިން މިހާރު ވަނީ ކިއޭވްއަށް ގެންދެވިފައެވެ. އަދި އެ ސިފައިންނާ ޔުކްރެއިންގެ ސަލާމަތީ ބާރުތަކުން ސުވާލުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ހަނގުރާމަވެރިންނެކޭ އެއްފަދައިން މި ދެ ސިފައިންނަށްވެސް ބޭނުންވާ ސިއްހީ ފަރުވާ ދެމުންދާ ކަމަށާއި ނޫސްވެރިންނަށް އެ ސިފައިންނާ ބައްދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ހައްޔަރުކުރެވުނު އުތުރު ކޮރެއާ ސިފައިންނަކީ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ސިފައިން ކަމަށާއި، އެ ސިފައިން ވަނީ މަރުވެފައި ކަމަށް ޔުކްރެއިންއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ރަޝިއާ އަދި އުތުރު ކޮރެއާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޔުކްރެއިން އަދި ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި އުތުރު ކޮރެއާއިން ވަނީ ރަޝިއާއަށް ގިނަ އަދަދެއްގެ ހަތިޔާރާއި ވަޒަން ފޯރުކޮށްދީފައެވެ.
މި ލިއުމާއި ގުޅޭ