ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޔުރަޕްގެ ގައުމެއް ކަމަށްވާ އެސްޓޯނިއާ އަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
އެސްޓޯނިއާގެ ރަޢީސް ޑރ. އަލާ ކާރިސްގެ ހާއްސަ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި، މިއީ ރައީސް މުއިއްޒު ޔޫރަޕުގެ ގައުމަކަށް ރަސްމީ ދަތުރުފެއް ކުރައްވާ ފުރަތަމަ ފަހަރުވެސް މެއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ދެ ގައުމުގެ ޚާރިޖީ ގުޅުން ވަރުގަދަކޮށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުގެ މެދުގައި މަޝްވަރާތައް ކުރާނެ ކަމަށާއި އެ މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެއްވާނީ ޑިޖިޓަލް، ސައިބާ އަދި އީ-ގަވަނެންސްގެ ދާއިރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާއި ސައިންސާއި ތައުލީމީ ދާއިރާއިން އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ކަމަށެވެ.
އެސްޓޯނިއާގެ ރައީސްގެ އިތުރުން މި ދަތުރުފުޅުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި އާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާ ރައީސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަ ޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ބައިވެރިވަޑައިގަންނަވާނެއެވެ.
ރާއްޖޭގައި ޑިޖިޓަލް އިގުތިސާދެއް ގާއިމްކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅަކަށް ވީއިރު, މި ދަތުރުފުޅަކީ އެކަން ހާސިލްކުރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތުގައި ވަރަށް މުހިންމު ދަތުރަކަށް ވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ޔޫރަޕުގެ އެހެން ގައުމުތަކާ އަޅާބަލާއިރު އާބާދީގެ ގޮތުން ކުޑަ ނަމަވެސް އެސްޓޯނިއާ އަކީ އީޖާދީ ދުރުވިސްނޭ މީހުންނަށް ފުރުސަތު ދީގެން ވަރުގަދަ ޑިޖިޓަލް އިގުތިސާދެއް ގާއިމްކޮށްފައިވާ ގައުމެކެވެ.
މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.