މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ 2025 ވަނަ އަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އއ. އުކުޅަހުގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އަދި ޗެއާމަން އަބްދުﷲ އިޔާސް ރިޔާޒް އާއި ބޯޑު ޑިރެކްޓަރުން ވަނީ އުކުޅަހަށް ވަޑައިގެންފައެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ އުކުޅަސް ކޮންވެންޝަން ސެންޓަރުގައެވެ.
އުކުޅަހުގެ ކައުންސިލުން ވަނީ އެމްއެމްޕީއާރްސީގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ބޯޑު ޑައިރެކްޓަރުން އެރަށުގެ ކައުންސިލްއާއި އަދި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ.
އުކުޅަހަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ރަށެއްކަން ފާހަގަކޮށްލެވެއެވެ. އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މި ބައްދަލުވުން އުކުޅަހުގައި ބޭއްވުމުގެ މަގްސަދަކީ ލޯކަލް ޓުއަރިޒަމް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭކަން ހާމަކޮށްދިނުމާއި، އެމްއެމްޕީއާރްސީ އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ފަރާތްތަކީ އެކުވެސް މަސައްކަތް ކުރުމަށް ތައްޔާރުކަން ހާމަކުރުން ކަމަށެވެ.
އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި ގުޅޭ މަސައްކަތްތަކެއް ކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކުންފުންޏެކެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.