އިންޑިއާގެ ބިހާރު ސްޓޭޓުގައި ދަރިން ނުލިބޭ މީހުންނަށް އޮޅުވާލައި، މިލިއަނުން ފައިސާ ދޭނެ ކަމަށް ބުނެ މަކަރުވެރި ސްކޭމެއް ހިންގަމުން ދިޔަ ގްރޫޕެއް ފުލުހުން ހައްޔަރުކޮށްފިއެވެ.
"އޯލް އިންޑިއާ ޕްރެގްނަންޓް ޖޮބް ސަރވިސް" ގެ ނަމުގައި މި މަކަރުވެރި ސްކޭމް ހިންގަމުން ދިޔަ ގޭންގުން ވަނީ ދަރިން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ބުނެ އެތައް ބަޔަކަށް އޮޅުވާލައި ގިނަ ޢަދަދެއްގެ ފައިސާ އަތުލައިފައެވެ.
މި މައްސަލައިގައި ނެވާޑާ ޑިސްޓްރިކްޓްގެ ނަރްދިގަންޖް ސަބްޑިވިޜަންގެ ކަހުއާރާ ރަށުން ހައްޔަރުކުރެވުނު ތިން މީހުން ވަނީ "އޯލް އިންޑިއާ ޕްރެގްނަންޓް ޖޮބް ސަރވިސް" އަދި "ޕްލޭބޯއި ސަރވިސް" ގެ ނަމުގައި ބޮޑު ސްކޭމެއް ހިންގާފައެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވި ގޮތުގައި މި ގޭންގުގެ އަމާޒަކަށްވެފައިވަނީ މައިގަނޑު ގޮތެއްގައި ދަރިން ނުލިބިގެން އުޅޭ މީހުންނެވެ. އެގޮތުން މި ގޭންގުން ފޭސްބުކް މެދުވެރިކޮށް އިޝްތިހާރު ކޮށްފައިވަނީ ދަރިން ނުލިބޭ އަންހެނުންނަށް ދަރިން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ބުނެއެވެ. މި ޚިދުމަތް ކާމިޔާބު ވެއްޖެ ނަމަ 1 މިލިއަން ރުޕީސް ދޭނެ ކަމަށާއި، ކާމިޔާބު ނުވި ނަމަވެސް 50،000 އިން ފެށިގެން 500،000 ރުޕީސްއާ ހަމައަށް ފައިސާ ދޭނެ ކަމަށް މި ގޭންގުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ސްކޭމް ހިނގަނީ ތިން މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާގައި އިޝްތިހާރަށް އިޖާބަދޭ ފަރާތްތަކާ ގުޅައި، އެމީހުންގެ ހާލަތު ސާފުކުރުމަށްފަހު، ފުރަތަމަ ރަޖިސްޓްރޭޝަނަށް ކަމަށް ބުނެ އެމީހުންގެ އައިޑީ ކާޑާއި ޕޭން ކާޑާއި ސެލްފީއެއް ހޯދައެވެ. މި ލިޔެކިޔުންތަކާއި ފޮޓޯތައް ފަހުން ބްލެކްމެއިލް ކުރުމަށް ބޭނުން ކުރެއެވެ.
ދެވަނަ މަރުހަލާގައި އިތުރު "ރަޖިސްޓްރޭޝަން" ފީއެއްގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ދެއްކުމަށް އެދެއެވެ. އަދި މި ފައިސާ ދެއްކުމުން، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މަންފާތަކެއް ލިބޭނެކަމުގެ ހިތްވަރުދެއެވެ.
ތިންވަނަ މަރުހަލާގައި ހޮޓާ ބުކިންގއާއި އެހެނިހެން ޚަރަދުތަކަށް ކަމަށް ބުނެ އިތުރު ފައިސާ ހޯދައެވެ. މިހިސާބަށް ދިޔުމަށްފަހު ފައިސާ ނުދޭން އުޅޭ މީހުންނަށް އެމީހުންގެ ފޮޓޯއާއި މަޢުލޫމާތު ހާމަކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރެއެވެ.
ނެވާޑާ ޑިސްޓްރިކްޓްގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އިމްރާން ޕަރްވޭޒް ވިދާޅުވި ގޮތުގައި މި ގޭންގުން ވަނީ އެތައް ބަޔަކަށް މިގޮތަށް އޮޅުވާލައި ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައެވެ.
"މިހާތަނަށް ތިން މީހުން ހައްޔަރުކުރެވިފައިވޭ. އެމީހުން މި ސްކޭމް ހިންގުމަށް ދެ ވައްތަރެއްގެ ސަރވިސް ހިންގާފައިވޭ. އޭގެ ތެރޭގައި 'އޯލް އިންޑިއާ ޕްރެގްނަންޓް ޖޮބް ސަރވިސް' އަދި 'ޕްލޭބޯއި ސަރވިސް' ހިމެނޭ. ފޭސްބުކްގައި އިޝްތިހާރު ކުރުމަށްފަހު، ގުޅާ މީހުންގެ އަތުން އެކި ނަމުގައި ފައިސާ ނަގަމުން ގޮސްފައިވަނީ،" އިމްރާން ވިދާޅުވިއެވެ.
ހައްޔަރުކުރެވުނު މީހުންނަކީ ޕްރިންސް ރާޖް، ބޯލާ ކުމާރު އަދި ރާހުލް ކުމާރެވެ. އެމީހުންގެ އަތުން 6 މޯބައިލް ފޯނު އަތުލެވިފައިވާ ކަމަށާއި، އެ ފޯނުތަކުން ވަޓްސްއެޕް ޗެޓްތަކާއި، ކަސްޓަމަރުންގެ ފޮޓޯތަކާއި، އޯޑިއޯ ރެކޯޑިންގތަކާއި، ބޭންކު މުޢާމަލާތްތަކުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.